ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ހަޔާތްޕުޅުގެ މުހިންމު ތާރީޚްތަކާއި ނިމިދިޔަގޮތް

ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އުފަންވެވަޑައި ގެންފައިވަނީ 21 މާރޗް 1942 ވަނަ އަހަރު އުތުރު ޔަމަނަށެވެ. ސާލިހްއަކީ އުތުރު ޔަމަނުގެ ނުފޫޒުފަދަ ގަބީލާއެއް ކަމަށްވާ ހާޝިދަށް ނިސްބަތްވާ އާއިލާއެއްގެ މެމްބަރެކެވެ.
އަލީ އަބްދުﷲ ސާލިހް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1962 ވަނަ އަހަރުއެވެ. އުތުރު ޔަމަނުގެ ވެރިކަމުގައި ތިބި ޒައީދީންނާ ދެކޮޅަށް ބަޣާވާތްކޮށް އަރަބި ނޭޝަނަލިސްޓް ދައުލަތެއް ގާއިމްކުރުމުގައި އެ އަހަރު ސާލިހްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އުތުރު ޔަމަނުގެ ރައީސްކަމުގައި ހުންނެވި އަހްމަދު އަލްޣަޝްމީ އަވަހާރަ ކޮށްލުމާ ގުޅިގެން އުތުރު ޔަމަނުގެ ގާނޫނުހަދާ މަޖިލީހުން 1978 ވަނަ އަހަރު އަލީ އަބްދުﷲ ސާލިހް އުތުރު ޔަމަނުގެ ރައީސްކަމަށް އިންތިޚާބުކުރިއެވެ.
ކޮމިއުނިސްޓް ވެރިކަމެއް ކުރަމުންދިޔަ ޔަމަނުގެ ދެކުނާއި، އުތުރު ޔަމަނު އެއްކޮށްލުމަށް އަލީ އަބްދުﷲ ސާލިހް ކުރެއްވި މަސައްކަތް ކާމިޔާބު ކުރައްވައި 1990 ވަނަ އަހަރު އޭނާ ގުޅިފައިވާ ޔަމަނުގެ ފުރަތަމަ ރައީސަށް ވެވަޑައިގެންނެވިއެވެ.
ޔަމަނުގެ ދެކުނުގައި 1994 ވަނަ އަހަރު އަނެއްކާވެސް ފެށި ވަކިވެގަތުމުގެ މަސައްކަތްތައް ސާލިހް ފުނޑުފުނޑުކޮށްލެއްވިއެވެ.
2004-2010 އަށް އަލީ އަބްދުﷲ ސާލިހްގެ ސަރުކާރުން ޔަމަނުގެ އުތުރުގައި ހޫޘީންނާއެކު ވަރުގަދަ ހަނގުރާމައެއް ކުރެއްވިއެވެ. ހޫޘީންނެކޭ އެއްފަދައިން އަލީ އަބްދުﷲ ސާލިހްއަކީވެސް ޔަމަނުގެ ބައިމަދު ޒައީދީ ދަރިކޮޅަށް ނިސްބަތްވާ ޝީއީ މުސްލިމެކެވެ.
ޔަމަނުގެ ރައީސްކަން 33 އަހަރު ކުރެއްވުމަށްފަހު އަލީ އަބްދުﷲ ސާލިހް އިސްތިއުފާ ދެއްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 27 ވަނަ ދުވަހުއެވެ. އޭނާ ރައީސްކަމުން އިސްތިއުފާ ދެއްވީ، އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުމެ އެތައްމަހެއް ވަންދެން މުޒާހަރާ ކުރުމުން މަޖުބޫރުވެވަޑައިގެންނެވެ. ޔަމަނުގެ ރައްޔިތުން މަގުތަކަށް ނުކުތީ އަރަބް ސްޕްރިންގުން ހިތްވަރު ލިބިގެންނެވެ.
ގަލްފް ގައުމުތަކުގެ ފިއްތުންތައްވެސް ބޮޑުވުމާއި، ރައްޔިތުން އުތުރިއަރާން ފެށުމުން ވެރިކަމުގެ ބާރުތައް ދޫކޮށްލައްވަން އަލީ އަބްދުﷲ ސާލިހް އެއްބަސްވެވަޑައިގެންނެވީ، ބަދަލުގައި އޭނާއާއި އަދި އޭނާގެ އާއިލާގެ އެއްވެސް މެމްބަރަކާ ދެކޮޅަށް ޝަރީއަތެއް ނުހިންގުމަށް ޝަރުތު ކުރެއްވުމަށް ފަހުގައެވެ.
އަލީ އަބްދުﷲ ސާލިހް އިސްތިއުފާ ދެއްވުމުން ފެބްރުއަރީ 2012 ވަނަ އަހަރު އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ސާލިހްގެ ނާއިބަކަށް ހުންނެވި އާބިދުރައްބު މަންސޫރު ހާދީއެވެ.
އަލީ އަބްދުﷲ ސާލިހް އޭނާއަށް ތާއީދުކުރާ ހަނގުރާމަވެރިންނާއިގެން ހޫޘީ ހަނގުރާމަވެރިންނާ އިއްތިހާދުވެވަޑައިގެންނެވީ 2014 ވަނަ އަހަރުއެވެ.
ޔަމަނުގެ ވެރިރަށް ސަންއާއަށް ކުއްލި ހަމަލާއެއްދީ، ސަރުކާރުގެ މައި މަރުކަޒު ހިސާރުކޮށް، ދައުލަތުގެ ރޭޑިއޯއާއި، އަސްކަރީ ތަންތަން ހޫޘީން ހިފީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެކަމުގެ ތެރޭގައި 270 މީހުން މަރުވިއެވެ.
2015 ވަނަ އަހަރުގެ ޖެނުއަރީމަހަށް ފެށުނުއިރު ހޫޘީންނާއި ސާލިހްގެ ހަނގުރާމަވެރިން ވެރިރަށް ސަންއާގައި ހުރި ރިޔާސީ ގަނޑުވަރަށް ހަމަލާދޭން ފެށުމާ ގުޅިގެން ޔަމަނުގެ ވެރިކަމުގައި ހުންނެވި އާބިދުރައްބު މަންސޫރު ހާދީއާއި އޭނާގެ ސަރުކާރުގެ ވެރިން ފިއްލަވައިގެން އަދަންއަށް ވަޑައިގެންނެވިއެވެ.
ހާދީގެ ސަރުކާރު ދިފާއުކުރުމަށްޓަކައި ސައުދީ އަރަބިއްޔާ އިސްވެއޮވެ ސުންނީ މުސްލިމް އަރަބި 9 ގައުމެއް ބައިވެރިވާ ކޯލިޝަނަކުން ޔަމަނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދޭންފެށީ 2015 ވަނަ އަހަރުގެ މާޗްމަހުގެ 26 ވަނަ ދުވަހުއެވެ. ހަމަލާތަކުގެ ނަތީޖާއެއްގެގޮތުން ހޫޘީން އަތްދަށުލި ބައެއް ބިންތައް އަނބުރާ ހޯދިއެވެ. ޔަމަނު ދެވަނައަށް އެންމެބޮޑު ރަށް ކަމަށްވާ އަދަންވެސް ހޫޘީން އަތްދަށުލިއެވެ. ނަމަވެސް ސައުދީ ކޯލިޝަނުންވަނީ ހަމަލާތައް ފަށައި އެރަށުން ހޫޘީން ބޭރުކޮށްލިއެވެ.
އދއާއި އެމެރިކާ މެދުވެރިވެގެން ފާއިތުވީ 3 އަހަރުގެ ތެރޭގައި ތިން ބުރެއްގެމަތިން ސުލްހައިގެ މަޝްވަރާތައް ބޭއްވުނެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުނިކުތެވެ. އެ މުއްދަތުގެ ތެރޭގައި ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އާންމުންނަށް އިންސާނީ އެހީ ފޯރުވައި ދިނުމަށް ދެފަރާތުން ހަތް ފަހަރެއްގެ މަތިން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ ކޮންމެ ފަހަރަކު ދެފަރާތުން އެއްބަސްވުން މުގުރާލާފައިވެއެވެ.
ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްއާއި، ހޫޘީންގެ އިއްތިހާދުގައި އެންމެ ފުރަތަމަ މައްސަލަ ޖެހުނީ އަލީ އަބްދުﷲ ސާލިހަކީ ޣައްދާރެއް ކަމަށް މިއަހަރުގެ އޮގަސްޓްމަހުގެ 23 ވަނަދުވަހު ހޫޘީން ބުނި ހިސާބުންނެވެ. އެއީ ވެރިކަމުގެ ބާރުތައް ހިއްސާކުރުމާ ގުޅޭގޮތުން އުފެދުނު ޚިޔާލު ތަފާތުވުމަކާ ގުޅިގެންނެވެ.
އަލީ އަބްދުﷲ ސާލިހްގެ އަމިއްލަފުޅު ސިޔާސީ ޕާޓީ، ޖެނެރަލް ޕީޕަލްސް ކޮންގްރެސް އުފެދުނުތާ 35 އަހަރު ފުރުން ފާހަގަކުރުމަށް ޖެހިގެން އައި ދުވަހު ޔަމަނުގެ އެތައްހާސް ރައްޔިތުން ވެރިރަށް ސަންއާގެ މަގުތަކަށް ނުކުތެވެ. އަދި ސާލިހްއަށް ޔަމަނުގައި އޮތް ތާއީދު ހޫޘީންނަށްވެސް ފެނިގެންދިޔައެވެ.
ދެފަރާތުގެ ދެމެދުގައި އުފުނު ނުތަނަވަސްކަން ކުރިމަތިލުމަކަށް ބަދަލުވެވެގެންދިޔައީ، ސާލިހްއަށް ވަފާތެރި ކާނަލްއަކާއި، ހޫޘީ ދެ ހަނގުރާމަވެރިން މަރާލި ހިސާބުންނެވެ.
ކުރީގެ ރައީސަށް ވަފާތެރި ހަނގުރާމަވެރިންނާއި، ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ބަދަލު ކުރަމުންދިޔަ ހަމަލާތައް އެންމެ ހޫނުވީ މިދިޔަ ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު ދެފަރާތުން އެތައްބަޔަކު މަރުވިއެވެ.
ސައުދީ ކޯލިޝަނުން އެއްގަމާއި، ވަޔާއި އަދި ކަނޑުގެމަގުން ޔަމަނު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިނަމަ ސައުދީ އަރަބިއްޔާއާއެކު މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން އަލީ އަބްދުﷲ ސާލިހް އިޢްލާން ކުރެއްވީ މިޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ހޫޘީންވަނީ ސާލިހްގެ ގޮވާލުމަކީ ބަޣާވާތެއް ކަމަށާއި އޭނާއަކީ ޣައްދާރެއް ކަމަށް ބުނެފައެވެ.
ސާލިހްއާއި ހޫޘީންނާ ދެމެދު މަސްރަހް ހޫނުވެފައިވާ މި ދަނޑިވަޅުގެ ބޭނުން ކުރައްވައި ވެރިރަށް ސަންއާ އަލުން ހިފުމަށް ހަމަލާތައް ފެށުމަށް ޔަމަނުގެ ރައީސް އާބިދުރައްބު މަންސޫރު ހާދީ ސިފައިންނަށް އަމުރު ކުރެއްވީ މިއަދުއެވެ. އަދި ޔަމަނުގެ އާންމުން ހޫޘީންގެ މަގާމުތަކާ ދުރަށް ދިއުމަށް ސައުދީ ކޯލިޝަނުން އެންގީވެސް މިއަދުއެވެ.
ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްއަށް ވަފާތެރި ހަނގުރާމަވެރިންނާއި، ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ވެރިރަށް ސަންއާގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދަނިކޮށް މިއަދު ކުއްލިއަކަށް ހޫޘީން ޓީވީންވަނީ ސާލިހް އަވަހާރަ ކޮށްލައިފި ކަމަށް އިޢްލާން ކޮށްފައެވެ.
ހޫޘީން ސާލިހް އަވަހާރަ ކޮށްލީ އަރިސް ބޭފުޅުންނާއެކު ސަންއާއިން ފިއްލަވަން އުޅުއްވަނިކޮށެވެ. އޭގެކުރިން ހޫޘީންވަނީ ސާލިހްގެ ގެކޮޅާއި އޭނާގެ އޮފީހަށްވެސް ބޮންއަޅައި ފުނޑުފުނޑު ކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ