ފިނޭންސް މިނިސްޓްރީއަށް ދިން 2.4 ބިލިއަން ރުފިޔާގެ އޮވަރޑްރާފްޓް ފެސިލިޓީ ނަގާފައިވަނީ އެމްއެމްއޭގެ އުސޫލުތަކުގެ ބޭރުން: އޮޑިޓް އޮފީސް

ޕަބްލިކް ބޭންކް އެކައުންޓުން އޮވަރޑްރާފްޓް ފެސިލިޓީގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު މިންވަރަށް ބެލުމެއް ނެތި ފިނޭންސް މިނިސްޓްރީން 2.4 މިލިއަން ރުފިޔާގެ އޮވަރޑްރާފްޓް ފެސިލިޓީއެއް ނަގާފައިވާކަން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން 2013 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި ގޮސްފައިވާ ހިސާބު ދައްކުވައިދީ ނެރުނު މާލީ ބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން  2009 ވަނަ އަހަރު އެ އިދާރާގެ ދަށުން އެކުލަވާލައިފައިވާ ޕަބްލިކް ބޭންކް އެކައުންޓުން ފިނޭންސް މިނިސްޓްރީއަށް އޮވަރޑްރާފްޓް ފެސިލިޓީއެއް ދީފައިވާ ކަމަށެވެ. އެމްއެމްއޭއިން އެކުލަވާލާފައިވާ އުސޫލުތަކުގައި ބުނާ ގޮތުން، އެމްއެމްއޭއިން ދޫކުރާ އޮވަރޑްރާފްޓް ފެސިލިޓީތައް 100 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް 2013 ވަނަ އަހަރު ނިމުނު އިރު ފިނޭންސް މިނިސްޓްރީއަށް ދޫކޮށްފައިވާ އޮވަރޑްރާފްޓް ފެސިލިޓީގެ އަދަދު  2.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އޮޑިޓް އޮފީހަށް ފާހަގަކުރެވިފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
މިގޮތަށް ނަގާ ފައިސާ އަކީ އަހަރު ނިމުމުގެ ކުރިން ދައްކާ ހަލާސް ކުރަންޖެހޭ ފައިސާގެ ގޮތުގައި ވެސް ބަޔާންކޮށްފައިވާ އިރު އެގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދައްކާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.  
މި އޮވަރޑްރާފްޓް ފެސިލިޓީ ފިނޭންސް މިނިސްޓްރީން ނަގާފައިވަނީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެމްއެމްއޭއިން އޮވަރޑްރާފްޓްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ކަމުގައިވާ 100 މިލިއަން ރުފިޔާ އިތުރުކޮށްފައިވަނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ބޯޑް ބައްދަލުވުމަކުން ނިންމި ނިންމުމާ އެކު ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ.
ކަން މިހެން އޮތް އިރު 2014 ވަނަ އަހަރު ފިނޭންސް މިނިސްޓްރީ އިން ނަގާފައިވާ އޮވަރޑްރާފްޓް ފެސިލިޓީ ކުރު މުއްދަތުގެ ލޯނަކަށް ބަދަލު ކުރެވިގެން ދިޔަކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޮވަރޑްރާފްޓް ފެސިލިޓީ ކުރު މުއްދަތުގެ ލޯނަށް ބަދަލުކޮށް، ލޯންގެ އަދަދު 3.3 ބިލިއަން ރުފިޔާއަށް ވަނީ އިތުރުކޮށްފަ އެވެ.
 އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ދައުލަތުގެ ދަރަނި 2006 ވަނަ އަހަރުން 2013 ވަނަ އަހަރަށް ބަލާ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 22 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި ވަކި ވަކި އަހަރުތަކަށް ބަލާ އިރު 2013 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 62 ޕަސެންޓަށް އަރާފައިވާ ކަމަށް އޮޑިޓް އޮފީހުން ހާމަކުރެ އެވެ.
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ