ޑިމޮކްރަސީ ދުލިލީ ޑިކްޓޭޓަރ އަތަށް އެމްޑީޕީ ދަނީތަ!

ފައިސާއާއި ވަޒީފާގެ ނުފޫޒުގައި ނުޖެހި ރައީސް މުއިއްޒާ ދެކޮޅަށް އެމްޑީޕީއަށް 59 ހާހަށް ވުރެ ގިނަ މީހުން ވޯޓު ދިނުމަކީ އެމްޑީޕީ މަރާނުލެވޭކަން ރަމްޒުކޮށްދޭ ކަމެކެވެ. އެކަމަކު ޖެހިޖެހިގެން ބޮޑު ދެ އިންތިހާބު އެމްޑީޕީއަށް ގެއްލުނު ދަނޑިވަޅުގެ ނަޖާއިޒު ފައިދާ ނަގަން ބަޔަކު އެތިބީ އެއްރޮއްޖަށް ފޫގަޅައިގެންނެވެ. ޖަޒުބާތުގައި ޖެހިފައި ތިބި އެމްޑީޕީ އެކްޓިވިސްޓުންނާއި ސަޕޯޓަރުންގެ ހިތްމަރާލަން ލީޑަރޝިޕާ މެދު ނަފްރަތު އުފެއްދުން އެވަނީ މެކުހުގައެވެ.
ތިމާއަށް ނެތް ވެރިކަމަކާ ބާރެއް އެމްޑީޕީއަށް އޮތުމަށް ނޭދޭ މީހަކު އިސްނަގައިގެން އެމްޑީޕީ ރޫޅާލަން ޖަހާ ކެހިވެރި މަޅީގައި އެމްޑީޕީ ނުޖެއްސޭނެކަން ސާބިތު ކޮށްދިނުމުގެ ވަގުތަކީމިއެވެ. ކޮންމެ ނާކާމިޔާބަކީ ޕާޓީ ރޫޅުން ނޫންކަމާއި ލިބުނު ފިލާވަޅެއްކަން އެމްޑީޕީ މެންބަރުން ގަބޫލުކޮށް ލީޑަރޝިޕަށް އެއްބާރުލުން ދޭންވީ ވަގުތަކީވެސް މިއެވެ.    
އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕާ ދެކޮޅަށް ތެދުވެ އަޑު އުފުލަނީ އެމްޑީޕީ އާރާ ބާރުގައި އޮތް އިރު ފުނޑުފުނޑު ކޮށްލަން އެމްޑީޕީތެރެއިން ނިކުތް ހާއިނުން ކަމެވެ. ވަކި މީހަކަށް ވެރިކަމާއި ބާރާއި އާރު ނެތިއްޔާ އެމްޑީޕީގައި ވެރިކަން އޮތުމަށް ނޭދުނު ގައްދާރުން ކަމެވެ. މާ އޯގާތެރި މާތް ބަޔަކަށް ހެދިގެން އެތެރޭގައި ތިބެގެން އެމްޑީޕީގެ ވެރިކަން ހަރާބުކުރީ ވެރިކަމަށް ބޫތުކައިފައި ތިބި ހަރާން ކޯރުން ކަމެވެ. 
ރައްޔިތުންގެ ލާބައާއި މަންފާއަށް ރާއްޖޭގެ ކަންކޮޅު ތަކުގައި ރައީސް ސޯލިހު ހިންގެވިހާ ކަންކަމަކީ ބޭކާރު އިސްރާފް ކަމަށް ސިފަކޮށް ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދީ އެ ބައިގަނޑެވެ. ސަރުކާރުން ބޮޑު މުސާރަ ނަގައިގެން ތިބެ ހަރާން ކޯރުވީ އެ ބައިގަނޑެވެ. އެމްޑީޕީގެ އިހުލާސްތެރި މެންބަރުން އެކަހެރި ކުރުވީ އެ ބައިގަނޑެވެ. ވަކިވަކިން ނަން ނުކިޔަސް އިބޫ ސަރުކާރުގައި ކާކުހުރީ ކޮންތާކުކަމާއި މިހާރު އެ މީހުން ތިބި ގޮތާ ތަންތަން އެހެރީ ދިމާއަށް ފެންނާށެވެ.  
2019 ގައި އެމްޑީޕީގެ ވެރިކަން ފެށުނީއްސުރެ ކާކުކުރީ ކީއްކަން ވަރަށް ސާފެވެ. ހަނދާން ހުންނާނެއެވެ. ދަނޑިވަޅުބަލާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ދެމީހަކު ނެރުވާ ރަނގަޅަށް ތަޅުވާ ނުތަނަވަސްކަން އުފައްދުވާ ދެ ބުޅަލުގެ އަރާރުމުގެ ތެރެއިން ބޯކިބާ ކާލީ ރަމާ މަކުނެވެ. ރައްޔިތުން ދިން މަޖިލީހުގެ ސްޕަރމެޖޯރިޓީގެ ރިޔާސަތު ފޭރިގަނެގެން މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ފައިދާ ކުރާނެ އެއްވެސް ކަމެއް ވިޔަނުދީ ރިޔާސަތުން މަޖިލިސް ހިސޯރު ކުރީއެވެ. ރިޔާސަތުން މަޖިލިސް ބޭނުންކުރީ ފަސާދައާއި ފިތުނަ އުފައްދާ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފުރަތު އުފައްދާ މެޝިނަކަށެވެ.
ޕާޓީއާއި ގައުމުގެ މަސްލަހަތުގައި ރައީސް އިބޫ ދެއްވި ދޫދެއްވުމުގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑެތި ގޯސްތައް ހައްދަމުން ދިޔައީ އެންމެ މީހެއްގެ އާރާ ބާރަށް ޓަކައެވެ. ތިމާއަށް ނެތް ވެރިކަމެއް އެހެން މީހަކު ކުރާތަން ދެކެން ނޭދޭ ހީލަތްތެރި އެއްގެ ކެހިވެރި މަޅީގައި ބަޔަކު ބަނދެވިގެންނެވެ. ޑިމޮކްރަސީގެ ފޭރާން ލައިގެން ހުރި ޑިކްޓޭޓަރ އެމްޑީޕީ ނޫން ގޮތެއް ހޯދަން ނިކުމެ އެމްޑީޕީ ރޫޅާލަން ކުރި މަސައްކަތުގެ ސިއްރު މިހާރު މިދަނީ ހާމަވަމުންނެވެ. 
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެމްޑީޕީއަށް ގެއްލުމުން ތިމާއާ ނުލާ އެމްޑީޕީއަކީ ނެތް އެއްޗެއް ކަމަށް ދައްކަން ފެށީއެވެ. އެމްޑީޕީގެ ބާރުތައް ކަނޑުވާލާ އެމްޑީޕީގެ ކުރިބޯއްޓަށް އަނބުރާ ސަވާރުވާން ކުރާ މަސައްކަތް ފާޅުގައި ގަދަޔަށް ފެށީއެވެ. 
ރައީސް އިބޫގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބެ ހަރާން ކޯރުވި މީހުން މުއިއްޒު ސަރުކާރު ތެރޭގައި އެތިބަ ރުކުރުވާލަނީއެވެ. އެއްބަޔަކު މުއިއްޒު ސަރުކާރު ތެރެއަށް ވައްދާ މުއިއްޒު ވަރު ވެރިއަކު ނެތްކަމަށް ދައްކައިގެން މުއިއްޒު ސަރުކާރުގައި ކަތުރުފަނި އަޅުވަނީއެވެ. އަނެއްކޮޅުން އަނެއްބަޔަކު އެމްޑީޕީގެ މެންބަރުން މާޔޫސްވީ ދަނޑިވަޅުގެ ފައިދާ ނަގައިގެން އެމްޑީޕީގެ ލީޑަރޝިޕާ ދެކޮޅަށް ކެންޕޭނުކޮށް އެމްޑީޕީ މުށުތެރެއަށް ލުމުގެ މަސައްކަތް ކުރަނީއެވެ. 
އެމްޑީޕީގެ މެންބަރުންނާއި ލީޑަރޝީޕް އެކަމަށް ހޭނާރާ ތިބެއްޖެނަމަ ހަތަރެސްކަން ހަމަކޮށްލާނެއެވެ. އެމްޑީޕީއަކީ ވަކި މީހެއްގެ ގޮނޑިކޮއްކޮއަކަށް ބަދަލުވެ ޑިމޮކްރަސީގެ ދުލިލައިގެން ހުރި ޑިކްޓޭޓަރގެ އަތަށް އެމްޑީޕީ ނުގޮހެއް ނުއޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ