މާލެ ސިޓީ ކައުންސިލުން ކުޑަކުދިންގެ ހަވީރެއް އާޓިފިޝަލް ބީޗުގައި މާދަމާ ބާއްވަނީ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެގޮތުން މާލެ ސިޓީ ކައުންސިލުން މާދަމާ ޢާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މި ޢާއިލީ ހަވީރާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މާލޭގައި ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ ހަވީރަކީ ބޮޑަށް ކުޑަކުދިން ބޭރަށް ނިކުމެ ޢަމަލީ ގޮތުން ބައިވެރިވެވޭ ގޮތަށް ރާވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ހަވީރުގެ އަމާޒަކީ ޢާއިލީ ގުޅުންތައް އިތުރުކޮށް ކުޑަކުދިން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ހިތްވަރުދިނުން ކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން ކުރިއަށް ގެންދާ މި ހަވީރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ. އަދި މި ހަރަކާތަކީ ކުޑަކުދިންގެ ދުވަހާއި، މިމަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ މަންމައިންގެ ދުވަހާއި މިމަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ އާއިލާތަކާއި ބެހޭ ދުވަހާއި ގުޅުވައި 3 ދުވަސް އެއްކޮށް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް މާލެ ސިޓީކައުންސިލުން ވިދާޅުވެއެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެހެން ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.
އެގޮތުން ކުދިންގެ ހުނަރު ދައްކާލުމަށް ސްޓޭޖުމަތިން ފުރުސަތު ލިބިގެންދާއިރު، ފޮޓޯ ބޫތާއެކު ވާޗުއަލް ރިއަލިޓީ ދެ ހަރަކާތެއްގައި ކުދިންނަށް ބައިވެރިވެވޭނެއެވެ. އެއީ ސޯލާ ސިސްޓަމް ބަލާލުމުގެ ފުރުސަތާއި ކަނޑުއަޑީގެ މަންޒަރުތައް ބަލާލުމުގެ ފުރުސަތެވެ. މި ވާޗުއަލް ރިއަލިޓީ ޕްރެޒެންޓޭޝަންތަކަކީ އާންމުކޮށް ރިސޯޓުތަކުގައި ބޭނުން ކުރާ ފަދަ ޕްރެޒެންޓޭޝަންތަކެއްކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
މި ހަރަކާތް މާދަމާ ހަވީރު 4:00 އިން 6:00 ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ރޭގަނޑު 8:00 އިން 10:00 ބޭންޑް އަދި ބޮޑުބެރު ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ