ކުރިން ނުފެންނަ ޒާތެއްގެ ސުއިއްޕެއް ހިންނަވަރުން ފެންނާތީ އެ ރަށު ރައްޔިތުން ކަންބޮޑުވެއްޖެ

މީގެ ކުރިން ނުފެންނަ ޒާތެއްގެ ސުއިއްޕެއް ޅ. އަތޮޅު ހިންނަވަރުން ފެންނާތީ އެ ރަށު ރައްޔިތުން ކަންބޮޑުވުންފާޅުކުރަން ފަށައިފި އެވެ. ހިރުނދު ދޫނި ސައިޒަށް ވުރެ ބޮޑުކޮށް ހުންނަ މި ސޫފި އެ ރަށުން ފެންނަން ފެށީ މީގެ މަސް ދުވަސް ކުރިންނެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޒާތުގެ ސޫފި އެ ރަށުން މިހާރު ގިނަ އަދަދަކަށް ދަނީ ފެންނަމުންނެވެ. ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސާލީހު "ސަން" އަށް ވިދާޅުވީ އެ ޒާތުގެ ސޫފި ރައްޔިތުން ދިރިއުޅޭ ބައެއް ގޭގެއިންނާއި ވަލު ތެރެއިން ފެންނަމުންދާ ކަމަށެވެ. "ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވޭ ކުރިން ނުފެންނަ ޒާތެއްގެ ސުއިއްޕެއް މިހާ ގިނަ އަދަދަކަށް ފެންނާތީ،" ސާލިހު ވިދާޅުވި އެވެ. ސާލިހު ވިދާޅުވީ އަދި މިހާތަނަށް މި ސޫފީގެ ފަރާތުން މީހަކަށް ގެއްލުމެއް ވީކަމުގެ މައުލޫމާތު ސައްހަކަމާ އެކު ލިބިފައި ނުވާ ކަމަށެވެ. އަދި ކައުންސިލުން މިހާރު އެކަން ކަމާ ބެހޭ ވުޒާރާތަކަށް ހުށައަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. "މިހަރު ވަނީ ފިޝަރީސް އެންޑް އެގްރިކަލްޗާއަށް މައްސަލަ ހުށައަޅާފައި އަދި ޖަވާބެއް ނުލިބޭ،" ހިންނަވަރުން އަލަށް ފެންނަން ފެށި ޒާތުގެ ސުއިއްޕެއް ޅ. އަތޮޅުގެ އެހެން ރަށަކުން ފެނިގެން ރިޕޯޓްކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި މި ސުއިއްޕަށް ކިޔާނަން ވެސް ވަނީ ކަށަވަރުވާގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ