ތޮއްޑޫ ރައްޔިތުން ދިން ސަޔާއެކު އިދިކޮޅު ހަރަކާތް 'ކައްކުވާލައިފި'

އއ.ތޮއްޑޫ ރައްޔިތުންގެ ފަރާތުން ގެނައި ހަވީރުގެ ސަޔާއެކު އިދިކޮޅު ފަރާތްތަކުން މިއަދު( ހުކުރު) ދުވަހު ބޭއްވި އެއްވުމަށް ފޯރިގެނުވައި އެއްވުމުގެ ބައިވެރިން ކައްކުވާލައިފި އެވެ.
ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީ ބާއްވާ އެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ތޮއްޑޫގެ ރައްޔިތުންގެ ބަޔަކު ހަދިޔާ ފޮށިގަނޑުތަކާއެކު އެ ސަރައްދަށް ދިއުމުން އެމީހުންނަށް މަރުހަބާ ކިޔާފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.
މި އެއްވުމުގައި ވާހަކަ ދެއްކެވި ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ހުސެއިން ވަނީ ތޮއްޑޫ ރައްޔިތުން ދައްކަދިން ނަމޫނާއަށް ޝުކުރު އަދާކުރައްވައި، އެހެން ރަށްތަކުންވެސް އެ ފޯރި ގެނައުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ތޮއްޑޫ ދާއިރާގައި ރައީސް ޔާމިނަކަށް ތާއީދެއް ނެތް ކަމަށާއި އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެ ދާއިރާ އޮތީ ކެތްމަދުވެފައި ކަމަށެވެ. އޭގެ އިތުރުންވެސް ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ނިމުމަކަށް ގެންނެވޭނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށާއި އަދި އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ކަންކަމުގެ އަދަބަކީ ޖަލު ކަމަށް އޭނާ ވިދާޅުވި އެވެ. 
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ތޮއްޑޫގެ ރައްޔިތުން ގެނައި ސަޔަށް ޝުކުރު އަދާކުރާ ކަމަށާއި މާލެ ނައިނަމަވެސް އެހެން ރަށްތަކުގައިވެސް ސައިގެ ހަރަކާތްތައް ކުރިއަށް ގެންގޮސް އިދިކޮޅު ފަރާތްތަކާއެކު ތިބިކަން ދައްކަދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ކުރިއަށް އޮތް ރޯދަމަހު އަޅުކަންތަކަށް އިސްކަންދިނުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ. ހަމަ އެހެންމެ  އެކި ހަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް ރާވަމުންދާނެ ކަމަށާއި ރިޔާސީ އިންތިހާބާ ހިސާބަށް އަންނައިރު ރައީސް އަބްދުﷲ ޔާމިނަށް އެެ އިންތިހާބުގައި ބައިވެރިނުވޭނެ ގޮތަށް އިންތިހާބު ބޭއްވޭނެ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވި އެވެ. 
މި އެއްވުމުގައި ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން މިނިވަންކޮށް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރު ބަދަލުކުރުމަށްފަހު މެނުވީ އިންތިހާބު ނުބާއްވާނެ ކަމަށާއި އެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ ކެނޑިޑޭޓެއް ހުރީ ނިކުންނަވަން ތައްޔާރަށް ކަމަށާއި އެކަމާމެދު ހިލާފެއް ނެތް ކަމަށް ސަމީރު ވިދާޅުވިއެވެ.
މި ހަދިޔާ ގެނައި ތޮއްޑޫގެ ރައްޔިތުން ބުނީ މިއީ އިދިކޮޅުފަރާތްތަކާއެކު ތޮއްޑޫގެ ރައްޔިތުން ތިބިކަން ސާބިތުކޮށްދިނުމަށް ދިން ހަދިޔާއެއް ކަމަށާއި  އެއީ ވަރަށް ގިނަ ބައެއްގެ ބައިވެރިވުމާއެކު ތައްޔާރުކުރި އެއްޗެއް ކަމަށެވެ.
 
 
 
 
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ