އަތޮޅުތަކުގައި ދުއްވާ އަތޮޅު ފެރީތައް، މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި

އެމްޓީސީސީން އަތޮޅުތަކުގައި ދުއްވާ އަތޮޅު ފެރީތައް، މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ. އެމްޓީސީސީން މައޫލޫމާތުދޭ ގޮތުގައި ނުވަ އަތޮޅެއްގައި ދުއްވާ އެ ކުންފުނީގެ 20 ފެރީގެ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން އުތުރުގެ ފަސް އަތޮޅާއި ގއ. އަތޮޅުގައި ދަތުރު ކުރާ ފެރީތަކެވެ. އަދި މާލެ ސަރަހައްދުގެ ރަށްރަށަށް އެމްޓީސީސީން ކުރާ ގިނަ ދަތުރުތަކެއް ވެސް މޫސުން ގޯސްވުމާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށް، އެ ކުންފުނިން ބުނޭ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯވާރެއާ އެކު ވައި ގަދަވެ، ކަނޑު ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާ ކުރެއެވެ.މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން އެކިވަގުތު ތަކުގައި އެލާރޓްތައް ނެރެމުންދާއިރު، ބައެއް ސަރަހައްދުތަކަށް 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް 18 އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިހާރު ވަނީ ޔެލޯ އެލާރޓް ނެރެފައެވެ. މެޓް އޮފީހުން މިފަހަރު އެލާރޓް ނެރެފައި ވަނީ ހއ، އަތޮޅާއި، ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މެޓް އިން އެލާރޓް ނެރެފައި ވަނީ މިއަދު ހަވީރު 16:45 އިން މިރޭ 20:45 އާއި ހަމައަށެވެ.މިއީ ހަތަރު ގަޑިއިރު ތެރޭގައި އެ އޮފީހުން ޔެލޯ އެލާރޓް ނެރުނު ދެ ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ޤައުމީ ދިފާއީ ބާރުންވެސް ވަނީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވެގެން ދަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ