ރައީސް އަބްދުﷲ ޔާމީންއަށް އޭޝިއާ އެޗްއާރްޑީ އެވޯރޑް ލިބިވަޑައިގެންފި
ރައީސް އަބްދުﷲ ޔާމީން އަށް ލިބިވަޑައިގެން އޭޝިއާ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް (އެޗް.އާރް.ޑީ) އެވޯޑްސް 2017 ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު އެވޯޑެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.މިއެވޯޑް ރައީސް ޔާމީންއަށް ލިބިވަޑައިގަތީ އަންގާރަ ދުވަހުގެ ރޭ މެލޭޝިއާގެ ޕުތްރަޖާއާގެ ލެމެރިޑިއަން ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެމަނިކުފާނުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފަހުމީ ޙަސަންއެވެ.ރައީސުލްޖުމްހޫރިއްޔާއަށް މި އެވޯޑު ލިބިވަޑައިގެންނެވީ ރާއްޖޭގެ ތަރައްޤީއާއި، ދިވެހި ރައްޔިތުންގެ ތަރައްޤީއާއި، އަދި އެޗް.އާރް.ޑީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންނަށް ކެނޑިނޭޅި ދެއްވާ ހިތްވަރާއި އެއްބާރުލެއްވުން ފާހަގަކުރުމުގެ ގޮތުންނެވެ.ރައީސް ޔާމީން އަށް އެވޯޑް ލިބިވަޑައިގެންނެވި ރަސްމިއްޔާތުގައި ވީޑިއޯ ކޯލް މެދުވެރިކޮށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އެމަނިކުފާނު ޤަބޫލުފުޅު ކުރެއްވީ ދިވެހި ރައްޔިތުންގެ ފަރާތުން ކަމަށާއި، އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވޯޑަކީ ލޮބުވެތި ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.ރައީސް ޔާމީން ވަނީ ފަހުގެ އަހަރުތަކުގައި ދިވެހިރާއްޖެއަށް ހާސިލުކުރެވުނު ލަނޑުދަނޑިތަކުން ދައްކުވައިދެނީ ދިވެހި ރައްޔިތުންގެ ޤައުމީ ރޫހާއި ޤައުމުގެ ތަރައްޤީއަށްޓަކައި ދިވެހި ރައްޔިތުން ވެފައިވާ ޤުރުބާނީ ކަމުގައި ވިދާޅުވެފައެވެ. އަދި، މި އެވޯޑު ވެގެންދާނީ ކުރިމަގުގައި ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ބިނާކުރުވަނިވި ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމުގައި ރައްޔިތުންނަށް ލިބިގެންދިޔަ ހިތްވަރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމުގައި، މިހާރު ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި، ރާއްޖެއަށް އެންމެ ފައިދާހުރި ދާއިރާތަކުގެ ބޭނުން ހިފުމަށް ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރެއްވިއެވެ.މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، މުސްތަގުބަލުގައި ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި ފައިތިލަ ސާބިތުކުރެވޭނެ، ސުލްހަވެރި އަދި ކުރިއަރާފައިވާ ޤައުމަކަށް ވުމަށާއި، މިނިވަން، ބާރުވެރި، ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.އަދި ރާއްޖެއަކީ ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން، ޤައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު އެންމެ މަތީގައިވާ ޤައުމުކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، މީގެ 50 އަހަރު ކުރިން ޤައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރަކީ 200 ޑޮލަރަށް ވީއިރު، މިއަދު އެ ނިސްބަތް 8000 ޑޮލަރަށް އެރުމަކީ ނުހަނު ބޮޑު ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ.މީގެ އިތުރުންވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ހެޔޮ ކޮށްދެއްވުމުގެ ގޮތުން ސަރުކާރުން ގެންގުޅުއްވާ ތަފާތު ސިޔާސަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ރާއްޖެ އުފެދިފައިވާ ގޮތާއި ރަށްތަކުގެ މައްޗަށް އާބާދީ ބެހިފައިވާ ގޮތުގެ ސަބަބުން، އިޤްތިޞާދީ އަމާޒުތަކަށް ވާސިލް ވުމުގައި އެކިކަހަލަ ގޮންޖެހުންތައް ކުރިމަތިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މިކަންކަމަށް ހައްލު ހޯއްދެވުމުގެ ގޮތުން އާބާދީ އެއްފަސްކުރުމަށާއި، ޔޫތު ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކޮށް، ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، އުމްރާނީ ފަސޭހަތައް ތަނަވަސް ކޮށްދެއްވުމަށްޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތުވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން، މި މަޝްރޫޢުގެ ތެރޭގައި އާ ރަންވޭއެއް ހެދުމާއި، އިތުރު ޕާކިންގ ބޭ ހެދުމާއި، އާ ޓަރމިނަލްއެއް އެޅުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެއާޕޯޓު ތަރައްޤީކޮށް ނިމުމުން މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވާނެކަމަށާއި، 7.5 މިލިއަނަށްވުރެ ގިނަ ދަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މީގެ އިތުރުން، މިހާރު ތަރައްޤީކުރަން ހަމަޖައްސާފައިވާ 50 ރިޒޯޓުގެ މަސައްކަތް ނިންމައި، އެ ރިޒޯޓުތަކުން ފަތުރުވެރިންނަށް ޚިދުމަތްދޭން ފެށުމުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ހަތަރު ގުނައަށް އިތުރުވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.އަދި އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތުގައި ޒުވާނުންގެ ދައުރުގެ މުހިންމުކަން ވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން، މިހާރު ސަރުކާރުން ކުރިއަށްގެންދަވާ ތަފާތު މަޝްރޫޢުތައް ނިމުމުން 90،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމުގައި ވިދާޅުވެ، އޭގެ ނަތީޖާއެއްގެ ގޮތުން، އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު މި 5 އަހަރުގެ ތެރޭގައި ދެގުނައަށް އިތުރުވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ