ރޮހިންޔާ ފަންޑުގެ ހުރިހާ ފައިސާ ފޮނުވި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ ދިމައެއް ނުވި

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ދިވެހިން އެއްކުރި ހުރިހާ ފައިސާއެއް ފޮނުއްވި ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދު ދެއްކެވި ވާހަކަ ދިމައެއް ނުވިއެވެ.
ރޮހިންޔާ ފަންޑަށް ޖަމާ ކުރި ފައިސާއަށް ވީނުވީއެއް ނޭނގުނު ކަމަށް ބުނެ ބައެއް މީޑިއާތަކުން މާޗު މަހު ރިޕޯޓު ކުރުމާއި ގުޅިގެން މާޗު މަހުގެ ތެރޭގައި އެ ފައިސާތައް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މާޗު މަހުގެ 21 ވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ.ޒިޔާދު ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ފައިސާއެއް ވަނީ ބަންގްލަދޭޝް ރެޑްކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްފައެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ ފަންޑުގައި ހުރި ފައިސާ ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާ ކުރުމަށް. ދެން ހުރި އިދާރީ ދަތި ކަންތައްތަކާ އެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު މިވަނީ ހަމަ މަސައްކަތް ނިންމާލެވި، ހުރިހާ ފައިސާއެއް ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރެވިފައި،" ޕީއެސްއެމްއިން ޑރ.ޒިޔާދާ ހަވާލާދީ ބުނެފައިވެއެވެ.
ޑރ.ޒިޔާދު އެހެން ވިދާޅުވި ނަމަވެސް ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ރެޑް ކްރެސެންޓުގެ އެކައުންޓަށް ފޮނުވާފައިވަނީ ރޮހިންޔާ ފަންޑަށް ޖަމާވި ހުރިހާ ފައިސާއެއް ނޫނެވެ.
ބަންގުލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ރަސްމީ ޓްވިޓަ އެކައުންޓުން އިއްޔެ ޓްވީޓުކޮށްފައިވާ ގޮތުގައި ބަންގުލަދޭޝްގައި ހުންނަ ރެޑްކެރެސެންޓު އޮފީހުގެ ވެރިޔާ އަޒުމަތުއްލާވަނީ އެެ އެމްބަސީއަށް ވަޑައިގެން ރާއްޖެއިން ހަދިޔާކުރި 1،150،000 ޑޮލަރު ލިބުނު ކަމުގެ ރިސިޕްޓް ދިވެހި އެމްބެސެޑަރު އައިޝަތު ޝާން ޝާކިރުއަށް އަރުވާފައެވެ.Mr. Azmat Ulla, Head of Country Office, Bangladesh @Federation @IFRCAsiaPacific visited the @MDVinBGD and handed over the official acknowledgement of receipt to Maldives Ambassador Aishath Shaan Shakir for the donation from Maldives of USD 1,150,000 for the Rohingyas @MDVForeign pic.twitter.com/Ex6oD03DHv— Maldives Embassy BD (@MDVinBGD) April 1, 2018
ރޮހިންޔާ ފަންޑަށް ޖުމްލަ 18.1 މިލިއަން ދިވެހި ރުފިޔާ ޖަމާވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އެ ފައިސާ 15.42 ގެ ރޭޓުން ޑޮލަރަށް ބަދަލު ކުރުމުން ޖެހޭ އަދަދަކީ 1،173،800 ޑޮލަރެވެ. އެހެންކަމުން ރާއްޖެއިން ޖަމާ ކުރި ކަމަށް ބުނެފައި އެވާ 1،150،000 ޑޮލަރަކީ 23،800 ޑޮލަރު މަދު އަދަދެކެވެ.
އެ ޓްވީޓާއި ގުޅިގެން ސުވާލު ދެންނެވުމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ 1،150،000 ޑޮލަރަކީ ދެ ޓީޓީއަކަށް ބަހާލައިގެން ޖަމާ ކުރެވުނު އަދަދު ކަމަށެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި ފުރަތަމަ ޓީޓީއިން ފޮނުވާފައިވަނީ 200،000 ޑޮލަރެވެ. ދެވަނަ ޓީޓީއިން ފޮނުވާފައިވަނީ 950،000 ޑޮލަރެވެ.
އޮފިޝަލު ވިދާޅުވީ ޓީޓީތަކަކަށް ބަހާލައިގެން ފޮނުވީ ޓްރާންސްފަ ފީގެ ގޮތުގައި އެއްޗެއް ނަގާނެކަން އެހާތަނަށް ޔަގީންވެފައި ނުވާތީއާއި ޓްރާންސްފާ ފީގެ ގޮތުގައި އެއްޗެއް ދައްކަން ޖެހިއްޖެ ހާލަތެއްގައި 18.1 މިލިއަން ރުފިޔާ އެއް ފަހަރާ ފޮނުވައިފި ނަމަ އެކަމުގެ ސަބަބުން އިތުރު ލަސްކަމެއް އައިސްދާނެތީ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ބާކީ ހުރި ފައިސާ ތިން ވަނަ ޓީޓީއެއްގައި މި އެޕްރީލު މަހުގެ ފުރަތަމަކޮޅު ފޮނުވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ