ސުޕްރީމް ކޯޓުގެ ދެވަނަ އަމުރާއެކު ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިގަންނަން ފަށައިފި
ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އަކު ނެތް ނަމަވެސް ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ބަލައިގަންނަމުން ދިއުމަށް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ދެވަނަ އަމުރާއެކު ކްރިމިނަލް ކޯޓުން މިއަދު މައްސަލަތައް ބަލައިގަންނަ ފަށައިފި އެވެ. ޕީޖީއަކު ނެތުމުން މައްސަލަތައް ބަލައިނުގަންނަތާ މަހަކަށްވުރެ ގިނަ ދުވަސްފަހުން ކްރިމިނަލް ކޯޓުން މިއަދު މައްސަލަތައް ބަލައިގަންނަ ފެށިއިރު ޕީޖީން ހުށަހަޅާ މައްސަލަތައް ބަލައިގަންނަމުން ގެންދިއުމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އަމުރު ނެރެފަ އެވެ. އޭގެކުރިން ވެސް ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރުނު ނަމަވެސް އެ އަމުރު "އޮތް ގޮތުން" ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައެއް ނުގަތެވެ. ޑެޕީއުޓި ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ އެ އޮފީހުން މިއަދު ފޮނުވި 20 މައްސަލަ ވެސް އެ ކޯޓުން ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް މައްސަލަތައް ބަލައިނުގަނެ ގެއްލިގެން ދިޔަ މުއްދަތުގައި ފުނިޖެހިފައި ގިނަ މައްސަލަތަކެއް ހުރުމުން އެ މައްސަލަތައް ފޮނުވަން ވަގުތު ނަގާނެ ކަމަށް ވިދާޅުވި އެވެ. " ނުފޮނުވި ހުރި މައްސަލަތައް ކްލިއާވާން މަހެއްހާ ދުވަސް ނަގާނެ ކަމަށް މި ބަލަނީ" ޝަމީމް ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވެސް ވިދާޅުވީ ޕީޖީން ފޮނުވާ މައްސަލަތައް ބަލައިގަތުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށެވެ. މައްސަލަތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ކުރިން އަމުރު ނެރުނު ނަމަވެސް "ގަވާއިދާ އެއްގޮތަށް" ހުށަހަޅާ މައްސަލަތައް ބަލައިގަތުމަށް އެ އަމުރުގައި އޮންނާތީ ކްރިމިނަލް ކޯޓުން އޭރު ބުނަމުން ދިޔައީ ޕީޖީއަކު ނެތި ހުށަހަޅާ މައްސަލަތަކަކީ "ގަވާއިދާ އެއްގޮތަށް" ހުށަހަޅާ މައްސަލަތަކެއް ނޫން ކަމަށެވެ. އެގޮތަށް ބުނެ އެއްވެސް މައްސަލައެއް އޭރު ބަލައެއް ނުގަތެވެ. ޕީޖީއަކު ނެތުމުން މައްސަލަތައް ބަލައިގަތުން ކްރިމިނަލް ކޯޓުން މަޑުޖައްސާލި ނަމަވެސް އެހެން ދަށު ކޯޓުތަކާއި ހައި ކޯޓުން ވެސް ދަނީ ޕީޖީން ފޮނުވާ މައްސަލަތައް ބަލައިގަންނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ