އަމުރާ ޚިލާފަށް ކުރާ ކަންކަން ހުއްޓުވަން ސަލާމަތީ ބާރުތަކަށް ސުޕްރީމް ކޯޓުން އަންގައިފި

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުން ފަސްކުރަން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގާ ނަމަ އެކަން ވަގުތުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން އަމުރެއް ދާދި ދެންމެއަކު ނެރެފި އެވެ. މި އަމުރު ނެރުނު އިރު ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ އަމުރާ ޚިލާފަށް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ މިރޭ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ފަޔާޒް ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ޚިލާފަށް ހޮނިހިރު ދުވަހު ވޯޓުލުން ބޭއްވުމަށް އެ ކޮމިޝަނުން ނުނިންމާ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދު މުހަންމަދާއި ފަނޑިޔާރު އާދަމް މުހަންމަދު އަބްދުﷲ އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި ވެސް އަދި ޝަރީއަތުން ބަލާ އެހެން މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން "މައްސަލައެއްގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަގާމުތަކާ ހަވާލުވެ ތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމް ނިންމުމެއް" ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ ރ. ބަޔާންކޮށްފައިވާ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެ އެވެ. އެހެންވެ ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހަައްދުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ހުކުމަކަށް ނުވަތަ އަމުރަކަށް ނުވަތަ ނިންމުމަކަށް ވިޔަސް ގޮންޖެހުމާއި ނުކިޔަމަންތެރި ވުމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގައި ހުއްދަ ކަމެއް ނޫން ކަމަށް ވެސް އަމުރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ