ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް ވަނީ އަރައިގަނެފައި: އައިޕީޔޫ

ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާ ކަމަށް ބުނެ އެކަމާ މެދު އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ. މިދިޔަ ހަފުތާގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވި އައިޕީޔޫގެ ވަފުދުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ ބާރުތަކަށް ސުޕްރީމް ކޯޓުން އެކި ފަހަރު އަރައިގަނެފައިވާ ކަމަށެވެ. އެގޮތުން އެ ޖަމާއަތުން ހާއްސަ ގޮތެއްގައި ފާހަގަކުރި ކަމަކީ ރިޔާސީ ދައުރު ހަމަވުމުން މަޖިލީހުގެ ރައީސްއާ ބާރުތައް ހަވާލުކުރަން މަޖިލީހުން ފާސްކުރި ގަރާރު ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމެވެ. ރިޔާސީ ދައުރު ހަމަވެފައިވީ ނަމަވެސް ރައީސް މުހައްމަދު ވަހީދަށް މަގާމުގައި ހުންނެވޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި އަމުރަކީ ގާނޫނުއަސީސީގެ ރޫހާ ހިލާފު ހުކުމެއް ކަމަށް އައިޕީޔޫން ބުންޏެވެ. އެ ޖަމާއަތުން ބުނީ ރިޔާސީ އިންތިޚާބަށް ތަކުރާރުކޮށް ނުފޫޒު ފޯރުވަމުންދިއުމުގެ އަސަރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވެސް ކޮށްފާނެ ކަމަށެވެ. "ރާއްޖޭގައި ގާނޫނުގެ ހުކުމަށް އިހުތިރާމްކޮށް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށް އައިޕީޔޫން ވަނީ ތަކުރާރުކޮށް ގޮވާލައިފަ އެވެ. ސިޔާސީ ގޮތުން މަޖިލިސް މެމްބަރުންނަށް، މަޖިލީހުގެ ރައީސް ވެސް ހިމެނޭ ގޮތަށް، ދެމުންދާ ހަމަލާތަކާއި ބިރުދެއްކުންތަކުގެ އިތުރަށް އިދިކޮޅު މެމްބަރުންގެ ގޮނޑި ގެއްލުވާލަމުން ދިޔުމަކީ އައިޕީޔޫގެ ވަފުދުގެ ދަތުރުގައި ފާހަގަވި ކަންތައްތައް ކަމުން އެކަމާ މެދު ކަންބޮޑުވެ އެވެ،" ބަޔާނުގައިވެ އެވެ. އައިޕީޔޫން ވަނީ ސިޔާސީ ގޮތުން އުފެދިފައިވާ ބައިބައިވުންތަކާއި ހަމަނުޖެހުންތައް ނައްތާލުމަށް ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފަ އެވެ. އެ ޖަމާއަތުން ބުނީ ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް، މިނިވަންކަމާ އެކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ އެހީތެރިކަން ދޭން ރާއްޖޭގައި އެ ޖަމާއަތުން ދާއިމީ ގޮތެއްގައި ހަރަކާތްތެރިވާން ތައްޔާރަށް އޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ