ބޯޑަރ ކޮންޓްރޯލް ސިސްޓަމުން 2.5 ބިލިއަން ރުފިޔާގެ ގެއްލުންވޭ: އޭސީސީ

މެލޭޝިއާގެ ނެކްސްބިޒް ކުންފުނިން ރާއްޖޭގައި ގާއިމު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ބޯޑަރ ކޮންޓްރޯލް ސިސްޓަމުގެ ސަބަބުން ދިވެހި ދައުލަތަށް 2.5 ބިލިޔަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެމުން އޭސީސީން މިއަދު ބުނީ، ނެކްސްބިޒްއިން ސިސްޓަމު ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ 20 ވިހި އަހަރު ދުވަހުގެ ތެރޭގައި ނެކްސް ބިޒްއަށް ސަތޭކަ ފަސްދޮޅަސް ހަ މިލިޔަން ހަ ސަތޭކަ ފަންސަވީސް ހާސް ޑޮލަރު ލިބޭނެ ކަމަށާއި އެއީ ދައުލަތަށް ލިބޭ ގެއްލުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އޭސީސީން މިއަދު ބުނީ ބޭރުގެ ދެގައުމަކުން ހިލޭ އެހީގައި ބޯޑަރ ކޮންޓްރޯލު ސިސްޓަމު ގާއިމު ކުރުމަށް ހުށަހަޅާފައިވާ ކަމަށާއި އެފުރުސަތުގެ ބޭނުން އޭރުގެ އިސްވެރިން ނުކުރެއްވީ ކަމަށެވެ.
އަދި 2.5 މިލިޔަން ޑޮލަރަށް އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް ބޯޑަރ ކޮންޓްރޯލް ސިސްޓަމުތައް ގާއިމުކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. މީގެ އިތުރުން ރާއްޖެ އަންނަ ކޮންމެ މީހެއްގެ އަތުން 2 ޑޮލަރާއި ހައްދާ ކޮންމެ ވިސާ ކާޑަކުން 15 ޑޮލަރު ނެގުމަށް ނިންމާފައިވަނީ ގާނޫނައި ހިލާފަށް ކަމަށާއި ޓެކްސްއެއް ނަގަން ނިންމައިފި ނަމަ އެކަމެއް މައާފުކޮށްދިނުން ނުވަތަ ނެކްސްބިޒްގެ ހިދުމަތްތަކުގެ އަގު ބޮޑު ކުރުމަށް އެއްބަސްވެފައިވަނީ އިގްތިސާދީ ގޮތުންނާއި ގާނޫނީ ގޮތުން ހުރި ކަންތައްތަކަށް ވިސްނުމަށްފަހު ނޫން ކަމަށް އޭސީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ