ރައީސް ނަޝީދަށް އިތުރު ޗުއްޓީއެއް ދެވެން ނެތްކަން ކޯޓުން އަންގައިފި

ރައީސް މުހައްމަދު ނަޝީދަށް އެކަށިގެންވާ ވަރަށް ޗުއްޓީ ދެވިއްޖެ ކަމަށާއި އިތުރު ޗުއްޓީއެއް ދެވެން ނެތްކަން ހުޅުމާލޭ ކޯޓުން އަންގައިފިއެވެ.
ރައީސް ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އެމަނިކުފާނަށް އިތުރު ޗުއްޓީއެއް ދެވެން ނެތްކަމަށް ނިންމާ އެކަން އަންގާފައިވާ ކަމަށް ހުޅުމާލޭ ކޯޓުން ވެސް ޔަގީންކޮށްދެއެވެ.
އިތުރު ޗުއްޓީއެއް ދެވެން ނެތްކަން ހުޅުމާލޭ ކޯޓުން އަންގާފައިވަނީ މިއަދު ހަވީރު 5:00 ޖަހާއިރުން ފެށިގެން އެމަނިކުފާނު ކެމްޕޭން ކުރެއްވުމައްޓަކާ މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ޗުއްޓީއެއް ދިނުމަށް އެދުމާއި ގުޅިގެންނެވެ.
އިތުރު ޗުއްޓީއެއް ދެވެން ނެތް ކަމަށް އަންގާފައިވާ އިރު މިއަދު ހަވީރު އޮތް އަޑުއެހުން ކެންސަލުކޮށް ދިނުމަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުންވަނީ މިހާރު އެދިފައެވެ. ނަމަވެސް އެކަމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި އިސްކޮށް އުޅުއްވާ ހަސަން ލަތީފު ވިދާޅުވީ އަޑުއެހުން ކެންސަލްކޮށް ދިނުމަށް އެދުނީ ރައީސް ނަޝީދަށް ވަޑައިގެންނެވެން ނެތުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ