ރާއްޖޭގައި މިއަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ ހަތެއްގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ބޭއްވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓު ނެގުން ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އިލެކްޝަން ބާއްވާނެ ތާރީހެއް ކޮމިޝަނުން އިއުލާނު ކުރި އިރު ކޮމިޝަނަށް ހަމަޖައްސާފައިވާ ބަޖެޓުން އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އިލެކްޝަނުންވަނީ ބުނެފައެވެ.
މިއަހަރު އިލެކްޝަނަށް ދީފައިވަނީ 59 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ސީއެންއެމަށް މައުލޫމާތު ދެއްވަމުން ފުއާދު މިއަދު ވިދާޅުވީ އިތުރަށް ބަޖެޓު ނުލިބިއްޖެނަމަ އިންތިހާބު ނުބާއްވާ ހުއްޓާލަން ޖެހޭނެ ކަމަށާއި އިތުރު ފައިސާ ލިބޭތޯ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް ފިނޭންސް މިނިސްޓްރީއަށާއި މާލިއްޔަތު ކޮމެޓީއަށާއި ރައީސް އޮފީހަށް ސިޓީ ލިޔެފައިވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ސީދާ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދާއި ބައްދަލު ކުރައްވާ އެވާހަކަތައް ހިއްސާ ކުރައްވާފައިވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި މާލިއްޔަތު ކޮމެޓީއާއި ރައީސާއި ވެސް ބައްދަލު ކުރައްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރ ހަތެއްގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ