މެމްބަރު ހަމީދު ސުޕްރީމް ކޯޓު ޝަރީއަތުގައި "އޮޅުމަކުން" ދޮގު ހަދައިފި

މަގާމްގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިން ކަމުގެ ކުށް ސާބިތުވެ އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ހުކުމްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދު އިއްޔެ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދޮގު ހަދައިފި އެވެ. ހަމީދުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް މިއަދާ ހަމައަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިއްޔެ ސުވާލުކުރެއްވުމުން ހަމީދު ވިދާޅުވެފައި ވަނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހޯދުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. ހަމީދު އެހެން ވިދާޅުވެފައި އޮތް ނަމަވެސް ހައި ކޯޓުން މިއަދު ބުނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހޯދުމަށް ހަމީދުގެ ފަރާތުން އެދިވަޑައިގެންފައި ވަނީ މިއަދު މެންދުރު 35: 12 ހާއިރު ކަމަށެވެ. ހަމީދުގެ ވަކީލު އަހުމަދު ފާއިޒު ވިދާޅުވީ ހަމީދު އެހެން ވިދާޅުވީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ އޮފީހުން ޗެކްކުރި އިރު ރިޕޯޓް ހޯދުމަށް ހުށަހަޅާފައި އޮތް ކަމަށް ބެލެވިފައި އޮތީ ކަމަށެވެ. އެހެންކަމުން ހަމީދުގެ ބަސް އިސްލާހު ކުރުމަށް މިހާރު ސުޕްރީމް ކޯޓުގައި އެދުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އިއްޔެ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ހަމީދަށް ޖިނާއި ހުކުމެއް އައިސްފައިވާތީ ކާށިދޫ ދާއިރާގެ ގޮނޑިއާމެދު ގޮތެއް ނިންމައިދިނުމަށް ރިޔާސީ ކޮމިޝަނުގެ މެންބަރު އަބްދުﷲ ހަސީން ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެކެވެ. ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށެވެ. އެއީ މުނިސިޕަލްޓީން ގަތް ކޮޅުވެއްޓިއެއް ސަރުކާރަށް ލިބުމުގެ ހައެއްކަ މަސް ކުރިން އެ އުޅަނދު ލިބުނު ކަމަށް ހަމީދު ސޮއިކުރެއްވި ކަމަށް ބުނެ އެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަންޖެހެނީ އެގްރިމެންޓުގައި ސޮއިކުރުމުންނެވެ. ބާކީ ފައިސާ ދައްކަންޖެހެނީ އުޅަނދު ސަރުކާރަށް ލިބުމުންނެވެ. އެހެންކަމުން އުޅަނދު ލިބުނު ކަމަށް ސޮއިކުރުމުން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ވެފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ