ޕީޕީއެމްގެ މެންބަރުންގެ ކިބައިން އުމަރު ނަސީރު މަޢާފަށް އެދިވަޑައިގަތުމުގެ ކުރިން ޑީއާރުޕީގެ މެންބަރުންގެ ކިބައިން ރައީސް މައުމޫން މަޢާފަށް އެދިވަޑައިގަތުމަށް ޑީއާރުޕީގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޑީއާރުޕީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ރޮޒައިނާ ވިދާޅުވީ ޕީޕީއެމްއިން މިއަދު އުމަރު ނަސީރާއި މެދު އަމަލުކުރަމުންދާގޮތުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް މައުމޫންގެ ކޮއްކޮ އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއާއި ގުޅޭގޮތުން އެންމެ ޖަލްސާއެއްގައި އުމަރު ނަސީރު ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން އުމަރު ނަސީރު ޕާޓީން ވަކިކުރަން ނިންމުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އަދި މިއަދު ޕީޕީއެމްގެ މެންބަރުންގެ ކިބައިން އުމަރު މަޢާފަށް އެދެން އެޕާޓީން އުމަރަށް އެންގުމަކީ ޕީޕީއެމްއާއި ރައީސް މައުމޫންގެ ކިބައިގައި ޑިމޮކްރެޓިކް އުސޫލުތައް ހުރި މިންވަރު ހާމަވެގެން ގޮސްފައިވާ ކަމެއްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫން ރައީސްކަން ކުރައްވަމުން ގެންދަވާ ޕީޕީއެމުން އެޕާޓީގެ މެންބަރުންގެ ކިބައިން މައާފަށް އެދެން އުމަރަށް އެންގުމުގެ ބަދަލުގައި ފުރަތަމަ ރައީސް މައުމޫން ޕަބްލިކަށް ނިކުމެވަޑައިގެން ޑީއާރުޕީގެ މެންބަރުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
މިއަދު ފެންނަމުންދާ މަންޒަރުތަކުން ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން މީގެ ކުރިން ޑީއާރުޕީ ބައިބައިކޮށް ފުނޑުފުނޑުކޮށްލީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަން މިހާރު ޔަޤީންވެގެން ގޮސްފައިވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ޑީއާރުޕީގެ ލީޑަރު އަޙްމަދު ތަސްމީން އަލީގެ ފަހަރި ރޮޒައިނާ ވިދާޅުވީ ޕީޕީއެމްގެ އަމަލުތައް ހުރިގޮތުން މިއަދު އިތުރު ކަންތައްތަކެއްވެސް ހާމަވެ ސާފުވެގެން ހިގައްޖެ ކަމަށެވެ.
އެގޮތުން ރައީސް މައުމޫނަކީ އާއިލީ ވެރިކަމެއް ކުރެއްވުމަށް ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ބޭފުޅެއްކަން މިހާރު ސާފުވެފައިވާ ކަމަށާ، އެހެން ނޫންނަމަ އަބުދުﷲ ޔާމީނަށް ނިސްބަތްކޮށް މީހަކު އެންމެ ފަހަރަކު ވާހަކައެއް ދެއްކުމަކުން އެމީހަކު ޕާޓީން ވަކިކުރާވަރުގެ ފިޔަވަޅެއް އަޅާ ހިސާބަށް ކަންކަން ނުދާނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
އަދި ޕީޕީއެމްގެ ތެރެއިން މިއަދު ކަންކަން ވަމުންދާ ގޮތާއި ދޭތެރޭ ރައްޔިތުން ވިސްނާނެ ކަމަށާ އުމަރާއި ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ޕީޕީއެމް މުޅިން ބައިބައިވެ އެޕާޓީ ކުޑަވެގެންދާތަން ފެނިގެންދާނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
އަބްދުﷲ ޔާމީނާއި ގުޅޭގޮތުން އުމަރު ނަސީރު ހަޤީގަތާއި ޚިލާފު ވާހަކަފުޅު ތަކެއް ދައްކާފައިވާ ކަމަށް ބުނެ އުމަރާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ މައްސަލައެއް އެޕާޓީގެ ސުލޫކް ކޮމެޓީން މިހާރު ގެންދަނީ ބަލަމުންނެވެ. އަދި ހަތް ދުވަހުގެ ތެރޭގައި ޕީޕީއެމްގެ އަސާސީ ޤަވައިދުގެ ތެރެއަށް އުމަރު ނަސީރު ވަދެވަޑައިނުގެންފިނަމަ އޭނާއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން މިއަދު ވަނީ ބުނެފައެވެ.
އުމަރުގެ ކުރިން މަޢާފަށް އެދިވަޑައިގަންނަވަންޖެހޭނީ މައުމޫން: ރޮޒައިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ