ކަނޑުމަތީގެ މުޒާހަރާއާ ގުޅިގެން ކުރީގެ މެމްބަރު އިބްރާހިމް ރަޝީދަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، ފޯނު އަތުލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި ދޫނިދޫއާ ދިމާ ކަނޑުމަތީގައި މުޒާހަރާ ކުރަނިކޮށް ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، ހެކި ހޯދުމަށް، އޭނާގެ ފޯނު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ފުލުހުން ބަލަމުންދާ މައްސަލައަކަށް ހެކި ހޯދަން ބޭނުންވެގެން، އިބްރާހިމް ރަޝީދުގެ ފޯނު ވަނީ، ކޯޓު އަމުރެއްގެ ދަށުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެކަމަކު، އެ މައްސަލައިގެ އިތުރު ތަފްސީލެއް، އެ އޮފިޝަލް ނުދެއްވަ އެވެ. އެހެން ނަމަވެސް، އިބްރާހިމް ރަޝީދުގެ "ފޯނު ކޯލުތަކާއި މެސެޖުތަކުގެ ތަފުސީލް ހޯދަން" ކްރިމިނަލް ކޯޓުން އިއްޔެ ހަވީރު ނެރެފައިވާ އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ. އެ ތުހުމަތު ކުރާ ސަބަބެއް ކަމަށް އަމުރުގައި ބުނެފައި ވަނީ، އިބްރާހިމް ރަޝީދު އިސްކޮށް ހުންވައިގެން، ދޯންޏެއްގައި އިތުރު ބަޔަކު ގޮވައިގެން ގޮސް، ދޫނިދޫ އަށް އަރަން މަސައްކަތްކޮށް، އަޑުގަދަކުރާ ބޭނުންކޮށްގެން ފުލުހުންނަށް ތަފާތު އިންޒާރު ދީފައިވުމެވެ. މި މައްސަލައިގައި، އިބްރާހިމް ރަޝީދާ ދެކޮޅަށް މިހާތަނަށް ލިބިފައިވާ ހެއްކަކީ، އަމުރުގައިވާ ގޮތުން، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާއި ބައެއް މީހުންގެ ހެކިބަހެވެ. އެހެންވެ، އިތުރު ހެކި ހޯދުމަށް، "އިބްރާހިމް ރަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފޯނު ނަމްބަރުތައް ބޭނުންކުރާ ފޯނުތަކާއި އޭނާ ބޭނުންކުރާ ފޯނުތަކުން ކޮށްފައިވާ އެންމެހާ މުއާސަލާތީ މުއާމަލާތްތަކުގެ ތަފްސީލު، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރެންސިކް ސާވިސަސް ޑައިރެކްޓަރޭޓް މެދުވެރިކޮށް އެކްސްޓްރެޓް ކުރުމާއި ފޯނުގެ ލޮކް ކޯޑު، ލޮކް ޕެޓާން ދިނުމަށް"، އޭނާގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ދައުވާކުރަން ފޮނުވޭ ވަރަށް ހެކި ހޯދަން، އިބްރާހިމް ރަޝީދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވޭނީ، ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުﷲ ދީދީ ނެރުއްވާފައިވާ އަމުރުގައިވާ ގޮތުން، ގިނަވެގެން 30 ދުވަހު އެވެ. މިދިޔަ އަންގާރަ ދުވަހުގެ ހަވީރު، ދޫނިދޫ ކައިރީގައި ބަޔަކު މުޒާހަރާ ކުރީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގައި، ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް ހިންގަނީ ބޭއިންސާފުން ކަމަށް ބުނެ، އެ މަނިކުފާނު ދޫކޮށްލަން ގޮވާލަ އެވެ. އެ ޝަރީއަތް ނިމެންދެން ނަޝީދު ހުރީ ދޫނިދޫގައި ބަންދުކޮށްފަ އެވެ. ޓީ ޖެޓީ ސަރަހައްދު ކަނޑުމަތީގައި އެމްޑީޕީގެ ސަޕޯޓަރުން މިދިޔަ ހުކުރު ދުވަހު މުޒާހަރާ ކުރަނީ: ދޫނިދޫއާ ދިމާ ކަނޑުމަތީގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް މިދިޔަ އަންގާރަ ދުވަހު މުޒާހަރާ ކުރި.-- ފޮޓޯ: އެމްޑީޕީ މުޒާހަރާ ކުރި މީހުން އުޅުނީ ދޫނިދޫ އަށް އަރަން ކަމަށް ބުނެ، ފުލުހުން ހަތް ފިރިހެނަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި، އިބްރާހިމް ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ. އެހެން ނަމަވެސް، ބަންދުގެ މުއްދަތު ޖަހަން އިއްޔެ ގެންދިއުމުން، ކްރިމިނަލް ކޯޓުން ވަނީ އެ އެންމެން ވެސް ދޫކޮށްލާފަ އެވެ. މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، ހެކި ހޯދަން ފަށާފައި ވާއިރު، އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރޭގައި ފުލުހަކަށް ހަމަލާ ދިން ކަމަށް ބުނެ، އޭނާގެ މައްޗަށް 2012 ގައި ދައުލަތުން ދައުވާކޮށްފައިވެ އެވެ. އެ ދައުވާގެ ޝަރީއަތުގެ ބައެއް އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ބާއްވާފައި ވެސް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ