ހިޔާލު ފާޅުކުރުމުގައި ހިންގާ ޖިނާއީ އަމަލުތައް ތަހުގީގު ކުރެވޭނެ: ސުޕްރީމް ކޯޓް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުމުގައި ހިންގާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
ދައުލަތުން މިދިއަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވުމަށްފަހު އިއްވި ހުކުމުގައި ބުނަނީ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބިގަނެވޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ފާޅުކަންބޮޑު ގޮތެއްގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ހަމަތަކާއި ޙުދޫދުން ބޭރު ނުވެވޭނެ ގޮތެއްގެމަތިން ކަމަށެވެ.
އެ ހުކުމުގައި ވަނީ ބުނަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ވެސް މިފަދަ ޢަމަލުތަކަކީ ވެސް ކްރިމިނަލައިޒް ކުރެވިފައިވާ ކުށުގެ ޢަމަލުތަކެއްކަން އެނގެން އޮންނާތީ މުޖުތަމަޢުގައި އެފަދަ ޢަމަލުތަކެއް ހިނގާނަމަ އެކަމެއް ހުއްޓުވުމާއި އަދި އެފަދަ ކުށުގެ ޢަމަލުތައް، ރާއްޖޭގައި ޤާނޫނީ ގޮތުން ޢަމަލުކުރަންޖެހޭ ޖިނާއީ އިޖުރާއަތާއި ކަމާބެހޭ ޤާނޫނީ ހަމަތާކާ އެއްގޮތްވާގޮތުގެ މަތިން ތަޙުޤީޤުކޮށް އަދުލު އިންޞާފު ޤާއިމު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަކީ ޤާނޫނުއަސާސީގެ 236 ވަނަ މާއްދާގެ ދަށުން ޤާއިމްކުރެވިފައިވާ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާއި ސިފައިން އެކުލެވޭ ދެބައިގެ ތެރެއިން އެކަމަކާބެހޭ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އުފުލަންޖެހޭ ފަރާތެއްގެ އަސާސީ މަސްއޫލިއްޔަތެއް ކަމަށެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންއިއްތިފާގު ވެފައިވާ ހުކުމުގައި ބުނަނީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި 30 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ މިނިވަންކަމާއި 32 ވަނަ މާއްދާގައި ބުނާ އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި 67 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ޙުދޫދުން ބޭރުގައި ބޭނުންކުރުމަކީ ރާއްޖޭގައި ހުއްދަކުރެވިދާނެ ކަމަކަށް ނުވާތީ އަދި ދުނިޔޭގައި ޤާއިމްވެފައިވާ ކޮންމެ ޤާނޫނީ ނިޒާމެއް ވެސް ބިނާވެފައިވަނީ ލޯ އެންޑް އޯޑާ ޤާއިމްކުރުމުގެ މައްޗަށް ކަމަށެވެ.
މުޖުތަމަޢުގެ ޕަބްލިކް އޯޑާ އެއަސާސް ތަކެއްގެ މައްޗަށް ބިނާވެފައިވާ މީސްމީހުންގެ ހަށިތަކާއި ފުރާނަތަކާއި މިލްކުތައް ޙިމާޔަތްކުރުމާއި ޖަމާޢަތުގެ ޢާއްމު ޞިއްޚަތަށް ނުރައްކާވެދާނެ ކަންތައްތައް ޙިމާޔަތްކުރުމާއި ދިރިއުޅުމުގެ ފަސޭހަ އާއި ހަމަހިމޭންކަމާއި ހަމަޖެހުން ދަމަހައްޓައި ރައްކަތެރިކުރުމާއި މުޖުތަމަޢު ޤަބޫލުކޮށްފައިވާ އަޚުލާޤީ ޢާންމު މިންގަޑުތައް ހިފެހެއްޓުމާއި މިކަންކަމާއި ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކުރަމުންދާނަމަ އެފަދަ ޢަމަލުތަކަކީ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި ވެސް ކްރިމިނަލައިޒް ކުރެވިފައިވާ ކަންތައްތަކެއްކަން އެނގޭ ކަމަށް ވެސް ހުކުމުގައި ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ