މީހުން ދިރިއުޅޭ ރަށްރަށަށް މޫދަށް ޖައްސާ ބޯޓުގެ ހިދުމަތް ދިނުމަށް ހުޅުވާލައިފި

މީހުން ދިރިއުޅޭ ރަށްރަށަށް މޫދަށް ޖައްސާ ބޯޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ރީޖަނަލް އެއާރޕޯޓްސްއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައިވަނީ މީހުން ދިރިއުޅޭ ރަށްރަށަށް މޫދަށް ޖައްސާ ބޯޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެކަމަށް ޝައުގުވެރިވާ ގާބިލުކަމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް އެކަން މިނިސްޓްރީއަށް އެންގެވުން އެދޭ ކަމަށެވެ.
މިހާތަނަށް އައި އިރު ރާއްޖޭގައި މޫދަށް ޖައްސާ ބޯޓުގެ ހިދުމަތް ދެމުން ގެންދަނީ ހަމައެކަނި ޓޫރިސްޓު ރިސޯޓުތަކަށެވެ.
ރާއްޖޭގައި މޫދަށް ޖައްސާ ބޯޓުގެ ހިދުމަތް ދެމުން ގެންދަނީ ދެކުންފުންޏަކުންނެވެ. މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް މޫދަށް ޖައްސާ ބޯޓުގެ ހިދުމަތް ފެށުމަށް މޯލްޑިވިއަން އެއާރޓެކްސީއާއި އެކު މީގެ ކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެސް ވެއެވެ. ނަމަވެސް އަދި ދަތުރުތައް ފަށާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ