ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. އެ ކޮމިޓީގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ ފަނޑިޔާރުން ހާޒިރުކުރަނީ މަޖިލީހަށް ބޭނުންވާ އިލްމީ ދިރާސާއެއް ކުރުމަށެވެ. އަދި މި ދިރާސާގެ ބޭނުމަކީ ނޮވެމްބަރު 11 ގައި ދިމާވެދާނެ ގާނޫނީ މައްސަލަތަކާ ބެހޭ ގޮތުން ފަނޑިޔާރުން ދެކޭ ގޮތާއި އެ ބޭފުޅުންގެ ރައުޔު ހޯދުން ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ. ފަނޑިޔާރުން ހާޒިރުކުރަން ފާސްކުރީ، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ހުށަހަޅުއްވައި ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލް ޣަފޫރު ތާއީދުކުރެއްވުމުން ނެގި ވޯޓުގައި އަޣުލަބިއްޔަތު އެ ގޮތަށް ތާއީދުކުރުމުންނެވެ. ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ފަނޑިޔާރުންނާ އެކު ބައްދަލުކުރަން ހުށަހަޅާފައިވާ އިރު އެ ބައްދަލުވުން އޮންނާނެ ދުވަހެއް އަދި ހަމައެއް ނުޖައްސަ އެވެ. މި ކޮމިޓީގެ މުގައްރިރަކަށް ހުންނަވަނީ ދިއްދޫ ދާއިރާގެ އަހްމަދު ސަމީރެވެ. މި ކޮމިޓީގެ އަޣުލަބިއްޔަތު އޮންނަނީ އެމްޑީޕީ އާއި ޑީއާރްޕީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ