ވަކީލުންގެ ގަވާއިދާއި ގުޅިގެން ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތަކާއި މެދު ވިސްނާނެ ކަމަށް ސްޕްރީމު ކޯޓުން ބުނެފިއެވެ.
ސްޕްރީމު ކޯޓުން މިގޮތަށް މިދިޔަ މަހުގެ 3 ވަނަ ދުވަހު އެކޯޓުން ނެރެ އާއްމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާއި ބެހޭ ގަވާއިދާއި ގުޅިގެން ގާނޫނީ ވަކީލުންގެ ޓީމަކުން އިއްޔެ ސްޕްރީމު ކޯޓުގެ ފަނޑިޔާރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
އިއްޔެ މެންދުރުފަހު 2:30 ސްޕްރީމު ކޯޓުގައި ބޭއްވި މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު މަޒްލާން ރަޝީދާއި މުހައްމަދު އަނިލްއާއި އަލީ ހުސައިންގެ އިތުރުން ދެ ވަކީލެކެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގާނޫނީ ވަކީލަކު ސީއެންއެމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަކީލުންގެ ގަވައިދާއި ގުޅިގެން ގާނޫނީ ވަކީލުންގެ ހުރިހާ ކަންބޮޑުވުން ތަކަކާއި ބެހޭ ގޮތުން ސްޕްރީމު ކޯޓުގެ ފަނޑިޔާރުންނާއި އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، ސްޕްރީމު ކޯޓުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ. އަދި ބައްދަލުވުމުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްޕްރީމު ކޯޓުން ނެރެ އާއްމުކޮށްފައިވާ ގަވައިދާ ގުޅިގެން ގާނޫނީ ވަކީލުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، އެގަވާއިދު އުވާލުމަށް ދައުވާ ކުރުމަށް ވެސްވަނީ ނިންމާފައެވެ. ނަމަވެސް އެކަން ފަސްކޮށްލާފައިވަނީ ސްޕްރީމު ކޯޓާއި އެކު މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމަށެވެ.
ގާނޫނީ ވަކީލުންނާއި ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތުމުގެ އިތުރުން، އެމީހަކު ވަކާލާތު ކުރާ ކޮންމެ ކޯޓެއްގައި ރަޖިސްޓްރީންވާން ޖެހޭނެއެވެ.
ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތަކާއި މެދު ވިސްނާނެ ކަމަށް ސްޕްރީމު ކޯޓުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ