ގިނަ ގާނޫނުތައް ތަންފީޒު ނުކުރެވެނީ އިދާރާތަކުގެ މެދުގައި ގުޅުން ކުޑަވެގެން: އުމަރު

ރާއްޖޭގައި ވަރަށް ގިނަ ގާނޫނުތަކާއި ގަވައިދުތައް ހަދާ ކަމަށާއި އެކަމަކު އެ ގާނޫނުތައް ތަންފީޒު ނުކުރެވެނީ އެކަމާ ގުޅޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ކުޑަވެގެން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހޯދައި، އެކަމާ ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށް ސްޓެލްކޯގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެ ގާނޫނުތައް ގިނަ ފަހަރަށް ތަންފީޒު ނުކުރެވެނީ އެކަމާ ގުޅޭ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލު ނުކުރެވި ނުވަތަ އެކަމާ ގުޅޭގޮތުން އެކަށީގެންވާ ވަރަށް މައުލޫމާތު ނެތިގެންނެވެ. އަދި އެހެން ދިމާވަނީ އެ އިދާރާތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުން ކުޑަވެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "މި ފަދަ ގާނޫނުތައް ގިނަ ފަހަރަށް އޮންނަނީ ތަންފީޒު ކުރުމުގެ މަރުހަލާގައި ހުއްޓުން އަރާފައި. މިއީ ވެސް އެފަދަ ގާނޫނެއް،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 2010 ވަނަ އަހަރު އަމަލު ކުރަން ފެށި، އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިޖްތިމާއީ ގިނަ މައްސަލަތަކެއް ހައްލު ކުރެވޭނެ ކަމަށެވެ. އަދި އެ ގާނޫނު ތަންފީޒު ކުރުމުގެ ފުރުސަތު އޮންނަ ކައުންސިލްތަކާއި ފުލުހުންނަށް އެކަން ކުރެވިއްޖެ ނަމަ ރާއްޖޭގައި ހުރި ބޮޑެތި ހުރިހާ މައްސަލަތަކެއްހެން ހައްލު ކުރެވިގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ. "ކޮންމެ ވައްތަރެއްގެ މައްސަލަ ވެސް މި ފެށެނީ ކުދި ކުދި ކަންތައްތަކުން. މި މައްސަލަތަކަމާ މެދު އަޅަން ޖެހޭ ގާނޫނު ފިޔަވަޅުތައް އަޅައިފިނަމަ ބޮޑެތި މައްސަލަތަކަމާ ހަމައަށް ދާނީ މަދު ފަހަރަކު. އެހެންވެ ގާނޫނު ތަންފީޒު ކުރުން ވަރަށް މުހިއްމު،" މިނިސްޓަރު ވިދާޅުވި އެވެ. މި ގާނޫނުގެ ދަށުން ފާރުތަކުގައި ޕޯސްޓަރު ތަތްކުރުމާއި މަގުމައްޗަށް ކުޅުޖެހުމާއި ޒުވާބު ކުރުމާއި ބާރަށް ލަވަޖެހުމާއި 16 އަހަރުން ދަށުގެ ކުދިން ރޭގަނޑު ބޭރަށް ނިކުމެ އުޅުން ފަދަ އިޖްތިމާއި ގިނަ ކަންތައްތަކާ ގުޅޭގޮތުން އުސޫލުތަކާއި އަދަބުތައް ކަނޑައަޅާފައިވެ އެވެ. އެކަމަކު އުމަރު ވިދާޅުވީ މީގެ ފަސް އަހަރު ކުރަން ފެށި މި ގާނޫނުގެ ދަށުން މި ފަދަ މައްސަލައަކާ ގުޅޭގޮތުން ފިޔަވަޅެއް އެޅިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. "މަގުމަތީގައި ޕޯސްޓަރާއި ބެނާ ފަދަ އެއްޗެހި ހަރުކޮށްފައި ނައްޓާލަން ޖެހޭކަން މި ގާނޫނުގައި ބުނެފައިވޭ. އެކަމަކު ތަތްކުރާ މީހުން އެކަން ކޮށްފައި ދަނީ. އެތައް ދުވަހެއް ފަހުން އެ ނަގައި ސާފުކުރުމަކީ ސަރުކާރުން ނުވަތަ ކައުންސިލުން ކުރަން ޖެހޭ ކަމެކޭ ގިނަ މީހުންނަށް ހީވެފައި އޮންނަނީ. ގާނޫނުގެ ދަށުން މި ފަދަ މައްސަލައް ބަލާނަމަ އެކަން މަދުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ސިޔާސީ ހިޔާލުތަފާތު ވުމާއި އާބާދީ ތޮއްޖެހުމާއި ރަށްފުށުގެ ދިރިއުޅުން ދޫކޮށް، ސިޓީ ދިރިއުޅުމަށް ބަދަލުވުން ފަދަ ކަންކަމުން މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށާއި އެކަމުގެ ސަބަބުން ނިކުންނަ ނަތީޖާތައް ވެސް ބޮޑެތި ކަމަށެވެ. އެހެންވެ، މި ފަދަ ދަނޑިވަޅެއްގައި އެ ފަދަ ގާނޫނެއް ތަންފީޒު ކުރުން މުހިއްމު ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ