ދަގަނޑޭ، އޮއްޕޮ، އިމްރާން ނިއުގެ ކުޅުންތެރިންގެ ގޮތުގައި ތައާރަފްކޮށްފި

ކުރިއަށް އޮތް ސީޒަނުގައި ނިއު ރޭޑިއަންޓާ އަލަށް ގުޅުނު ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި ގޯލްކީޕަރު އިމްރާން މުހައްމަދު ނިއުގެ ކުޅުންތެރިންގެ ގޮތުގައި މިރޭ ރަސްމީކޮށް ތައާރަފްކޮށްފި އެވެ. އަންނަ ސީޒަން ފެށުމުގެ ގޮތުން ނިއު އިން މިރޭ އެމްއެންބީސީ ވަން ގެ ސްޓޫޑިއޯގައި ބޭއްވި "ބްލޫ ނައިޓް"ގައި މި ތިން ކުޅުންތެރިންގެ އިތުރުން އެ ޓީމާ ގުޅުނު ތަޖުރިބާކާރު ފޯވަޑް އަލީ އުމަރާއި ޓީމާ އެކު ކޮންޓްރެކްޓް އާކޮށްފައިވާ ބައެއް ކުޅުންތެރިން ވަނީ ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން ނިއުގެ ކޯޗިން ސްޓާފާއި އޮފިޝަލުން ވެސް ވަނީ ތައާރަފްކޮށްފަ އެވެ. ނިއުގެ ކޯޗަކަށް ކުރިއަށް އޮތް ސީޒަނުގައި ވެސް ހުންނާނީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސައިފައިވަނީ ނިއު އާއި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ. މެނޭޖަރަކީ ނިއުގެ ކުރީގެ ޑިފެންޑަރު އަންވަރު އަލީ އެވެ. ނިއުގެ މިހާރުގެ ހިންގާ ބޯޑުގެ މެމްބަރުންނާއި ކުރީގެ ވެރިންނާއި ކޯޗުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުން ބައިވެރިވި ހަފުލާގައި ތިން ގިންތީގެ މެމްބަޝިޕް ކާޑް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. ނިއުގެ ގޯލްޑް، ބްލޫ އަދި ވައިޓް މެމްބަޝިޕް ކާޑު ހޯދާ މެމްބަރުންނަށް، ކުރިއަށް އޮތް ސީޒަނުގައި ހިލޭ ދަނޑަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސަން އެ ކްލަބުން މަސައްކަތްކުރަމުންދާ ކަމަށް ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވަނީ ބްލޫ ނައިޓްގައި ވާހަކަދައްކަވަމުން މިރޭ ވިދާޅުވެފަ އެވެ. އަދި ބައެއް ވިޔަފާރިވެރިންނާ ގުޅިގެން ނިއުގެ މެމްބަޝިޕް ކާޑު އޮންނަ ފަރާތްތަކަށް ބައެއް ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ވެސް އެ ކްލަބުން މަސައްކަތްކުރައްވަމުންދާ ކަމަށް ބަލަކް ވިދާޅުވި އެވެ. "ކްލަބުގެ އެދުމަކީ ނިއު ރޭޑިއަންޓްގެ ސަޕޯޓަރަކަށް ވަނީ ނަމަ މީގެން ކޮންމެ ވެސް އެއް ކާޑެއް ވޮލެޓުގައި ބާއްވާލާށޭ. ހަގީގަތުގައި އެއީ ކްލަބަށް ދެވޭ ނުތަތަ ޓީމުގެ ކުޅުންތެރިންނަށް ދެވޭ ހައިރާތެއް،" ބަލަކް ވިދާޅުވި އެވެ. ބަލަކް ވިދާޅުވީ ނިއުގެ އެކަޑަމީގެ އަމަލީ މަސައްކަތް އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ފެށުމަށް ކްލަބުން މަސައްކަތްކުރަމުންދާ ކަމަށެވެ. ނިއުގެ އެކަޑަމީގައި 6 އަހަރުން ދަށާއި 9 އަހަރުން ދަށާއި 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބައިވެރިވެވޭނެ ކަމަށާއި މާޗު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެކަޑަމީގައި ކުދިން ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. ނިއު އިން ހެދުމަށް ހަމަޖެހިފައިވާ ފުޓްބޯލް އެކަޑަމީ އާއި އެ ކްލަބުގެ މެސްކޮޓް ވެސް މިރޭގެ ހަފުލާގައި ވަނީ ދައްކައިފަ އެވެ. މެސްކޮޓަށް ކިޔާނެ ނަމެއް ހުށަހެޅުމަށް މި މަހުގެ ނިޔަލަށް ނިއު އިން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އާ ސީޒަނުގައި ނިއުގެ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާ އަހުމަދު ތޯރިގް (ޓޮމް) އެވެ. ވައިސް ކެޕްޓަނަކީ އާދަމް ޝަރީފް (އެޑަމް) އެވެ. މިރޭގެ ހަފުލާގައި ކުރިއަށް އޮތް ސީޒަނުގައި ނިއުގެ މެއިން ސްޕޮންސާއަކަށް ހަމަޖައްސައިފައިވާ މައިލޯ އާއި ޖޯޒީ ބްރޭންޑް ސްޕޮންސާ މީޑިއާ ނެޓަށް ވަނީ ހަނދާނީ ފިލައެއް ދީފަ އެވެ. ނިއުގެ ފަރާތުން މި ދެ ކުންފުންޏަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ބަލަކެވެ. ނެސްލޭ މައިލޯގެ ފަރާތުން ހަނދާނީ ފިލައާ ހަވާލުވެވަޑައިގަތީ ނެސްލޭ ސްރީލަންކާގެ ސީނިއާ ވައިސް ޕްރެޒިޑެންޓްސް މުހައްމަދު ހަމްޒާ އެވެ. މީޑިއާ ނެޓުގެ ފަރާތުން ހަނދާނީ ފިލައާ ހަވާލުވެވަޑައިގަތީ އެސިސްޓެންޓް މެނޭޖަރު އަހުމަދު އިގްބާލެވެ. ބަލަކް ވިދާޅުވީ ފާއިތުވި ދެ އަހަރު ވެސް ނިއު ސްޕޮންސާކުރި މައިލޯއާ އެކު މި އަހަރު ނިއު އިން ސްޕޮންސާޝިޕް ހަދައިފައިވަނީ ރެކޯޑް އަގަކަށް ކަމަށެވެ. އެކަމަކު ސްޕޮންސާޝިޕްގެ އަގެއް ނިއު އިން އަދި މައިލޯ އިން ވެސް ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ