ޓީސީއެލްގެ ކުރީގެ އެމްޑީ ރިޔާޒުގެ ޖަލު ހުކުމް ބާތިލްކޮށް، ހައި ކޯޓުން އޭނާ މިނިވަންކޮށްފި

ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ހެވީލޯޑަށް ދިން މައްސަލާގައި ތިލަފުށި ކޯޕަރޭޝަން (ޓީސީއެލް) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރިޔާޒު ތިން އަހަރަށް ޖަލަށްލާން ދަށު ކޯޓުން ކުރި ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިއަދު އޭނާ މިނިވަންކޮށްފި އެވެ. ޓީސީއެލްގެ އެމްޑީގެ ހައިސިއްޔަތުން ރިޔާޒަށް ލިބިގެން ނުވާ ބާރުތަކެއް ބޭނުންކޮށްގެން އެ މަސައްކަތް ހެވީލޯޑަށް ދީ، މަސައްކަތުގެ މޮބިލަޒޭޝަން ޕޭމަންޓްގެ ގޮތުގައި 38.5 މިލިއަން ރުފިޔާ ހެވީލޯޑަށް ދިންކަން ސާބިތުވާތީ ރިޔާޒު ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެ މައްސަލަ ރިޔާޒުގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ދަށު ކޯޓުން ހުކުމް ބާތިލްކޮށް، ރިޔާޒު މިނިވަންކުރީ އެ މައްސަލަ ހައި ކޯޓުން ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހުކުމް އިއްވަވަމުން ވިދާޅުވީ އެ މަސައްކަތް ހެވީލޯޑާ ހަވާލުކުރަން ރިޔާޒު ނިންމެވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ގޮތެއްގައި ކަން ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުނުވާ ކަމަށެވެ. އަދި އެކަމަކީ ޓީސީއެލްގެ ބޯޑުން ނިންމައިގެން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ. އެގޮތުން އެ މަސައްކަތް ހެވީލޯޑާ ހަވާލުކުރުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގުމުން، އެގޮތަށް އެ ކޮމިޝަނަށް ނޭންގޭނެ ކަމަށް ބުނެ އެކަމަށް ދައުވާކުރަން ޓީސީއެލްގެ ބޯޑު ނިންމާފައި އޮތް އޮތުމަށް ބަލާއިރު ވެސް ހެވީލޯޑާ އެ މަސައްކަތް ކުރީ ޓީސީއެލްގެ ބޯޑު ނިންމައިގެން ކަމަށް ބެލެވޭ ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ. އެހެންވެ އެކަމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޔާޒު ކަމެއް ކޮށްފައިވާ ކަމަށް ބެލެވޭ ހެކި ލިބިފައިނުވާ ކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުންނަށް އެއްބަސްވެވޭ ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ. ފަނޑިޔާރު ރައޫފްގެ އިތުރުން އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ. އެ މައްސަލާގައި ރިޔާޒުގެ އިތުރުން ޓީސީއެލްގެ ބޯޑުގެ އޭރުގެ ދެ މެމްބަރެއް ކަމަށްވާ ގ. ރަންގިރިޓީގޭ މުހައްމަދު ވާފިރާއި މއ. ރާހާ އަހުމަދު އަދުލީ ރަޝީދުގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. ނަމަވެސް ދަށު ކޯޓުން ނިންމީ ވާފިރާއި އަދުލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ