މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށްފައި ތިބި މީހުން ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެމީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ފުލުހުން ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފާއި އަދާލަތު ޕާޓީގެ ރައީސް އަބްދުﷲ އިމްރާނާއި އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިން އާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސަލީމް )މާޒް ސަލީމް( އާއި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުއާދު ގާސިމާއި ޑީއާރްޕީގެ އެކްޓިވިސްޓް އަހުމަދު ޝަރީފާއި މަދަނީ އިއްތިހާދުގެ ރައީސް އަބްދުﷲ މުހައްމަދެވެ. އޭގެ އިތުރުން ވަކި މައްސަލައެއްގައި ޕީޕީއެމްގެ އެކްޓިވިސްޓް އިބްރާހިމް ނާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ވެސް ކޯޓަށް ގެންދިޔަ އެވެ. ނަމަވެސް ކޯޓުން އަމުރުކުރީ އޭނާ ވެސް ދޫކޮށްލުމަށެވެ. އެ ހަތް މީހުންގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަވަމުން ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެމީހުން ކޮށްފައިވާ ކުށުގެ އަމަލީ ކޮބައިކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އެމީހުން ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކަމަށް ވާއިރު އެއީ ކޯޓު އަމުރެއް ހޯދަން ޖެހޭ ފަދަ ހާލަތެއް ކަމަށް ގާޒީ ވިދާޅުވި އެވެ. ނަމަވެސް އެފަދަ އެއްވެސް އަމުރެއް ފުލުހުން ހޯދާފައިނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެމީހުން ޖުމްހޫރީ މައިދާނުން ހުކުރުދުވަހު ހައްޔަރު ކުރަން ޖެހޭ ފަދަ އެއްވެސް އަމަލެއް ކޮށްފައިވާކަން ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން އެމީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އެމީހުން ވަގުތުން ދޫކޮށްލުމަށް ފުލުހުންނަށް ގާޒީ އަމުރުކުރެއްވި އެވެ. އެ މައްސަލަ ބައްލަވާފައި ވަނީ ރިޔާސަތުގައި އިންނެވި ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަހުމަދު ސަމީރާއި ފަނޑިޔާރު މުހްތާޒް މުހްސިނެވެ. ޕީޕީއެމްގެ އެކްޓިވިސްޓް ނާޒިމްގެ މައްސަލައިގައި ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ޔޫތު މިނިސްޓަރު ހަސަން ލަތީފުގެ ގޭގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ކަމަށެވެ. އެކަމަކު ފުލުހުން ބުނީ ނާޒިމް މިނިސްޓަރުގެ ގޭ ކައިރީގައި ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް އޭނާއާ ދެކޮޅަށް ނެތް ކަމަށެވެ. އެހެންކަމުން އޭނާ ވަގުތުން ދޫކޮށްލުމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރު ސައީދު އިބްރާހިމް އަމުރުކުރެއްވި އެވެ. ޖުމްހޫރީ މައިދާނުން ހައްޔަރު ކުރި ހަތް މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން ހުށަހަޅުއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ބުރާސްފަތި ދުވަހު ކުރި މުޒާހަރާގައި ހަމަނުޖެހުން އުފައްދައި އަމަން ނަގާލުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް އެމީހުން ވާހަކަދައްކާފައިވާ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން އެރޭ ފުލުހުންގެ ސަފުތައް ރޫޅާލުމަށް މަސައްކަތްކޮށް މަރުކަޒީ ބޭންކަށް ހަމަލާދީ ތަނެއްގައި ހުޅުޖަހާފައިވާ ކަމަށް ވެސް ނަވާޒް ވިދާޅުވި އެވެ. މިދިޔަ ހުކުރު ދުވަހުގެ ޖުމްހޫރީ މައިދާނަށް އެއްވެ އެތަނުގައި ވެސް އަމަން ނަގާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ބައެއް ވަޒީރުންގެ ގޭގެއަށް ވަދެ ބިއްލޫރިތައް ތަޅައި "ޓެރަރައިޒް" ކުރުމަށް މަސައްކަތްކޮށްފައި ކަމަށް ވެސް ނަވާޒް ވިދާޅުވި އެވެ. އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހައްޔަރުކޮށްފައި ވަނީ އިސްކޮށް ހަރަކާތްތެރިވި މީހުން ކަމަށެވެ. އެމީހުންގެ ކުށަކީ ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުން ކަމަށާއި އެއްވެ އުޅުމާ ބެހޭ ގަވާއިދުގެ ދަށުން ޖުމްހޫރީ މައިދާނަށް އެއްވުމަކީ ކުށެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއް ކުށެއްގައި ބައިވެރިވި ބައެއް ފަރާތްތައް ހައްޔަރުކުރުމަށް ފަހު ބައެއް ފަރާތްތައް ދޫކޮށްލުމުގެ ޖާގަ ގާނޫނީ ގޮތުން ފުލުހުންނަށް ލިބިފައިވޭތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރި އެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދޭ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއަށް ވުރެ، އެއްވެ އުޅުމާ ބެހޭ ގަވާއިދު ބާރުގަދަވާނެތޯ ވެސް ބެންޗުން ސުވާލުކުރެއްވި އެވެ. އެއް ބަޔަކު ދޫކޮށްލުމުގެ ބާރު ލިބިދޭތޯ ސުވާލު ކުރުމުން ސީދާ އެއަށް ޖަވާބެއް ނުދެއްވާ ރިޔާޒް ވިދާޅުވީ އެމީހުންނަކީ މުޒާހަރާގައި އިސްކޮށް އުޅުނު މީހުން ކަމަށާއި އެމީހުން އެއްވެފައި ވަނީ އެއްވުން މަނާ ސަރަހައްދަކަށް ކަމަށެވެ. އަދި ދެން ކުރެއްވި ސުވާލުގެ ޖަވާބުގައި ވިދާޅުވީ ގާނޫނު އަސާސީއާ ގަވާއިދު ތައާރަޒްވާ ނަމަ ބާރުގަދަވާނީ ގާނޫނު އަސާސީ ކަމަށެވެ. ހައްޔަރުކޮށްފައި ތިބި މީހުންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން މުހައްމަދު ވަހީދު އިބްރާހިމް )ވައްޑެ( ވިދާޅުވީ އެމީހުން ހައްޔަރުކޮށްފައި ވަނީ އެއްވެސް ހެއްކެއް، ގަރީނާއެއް ނެތި ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރުމަށް ފަހު ފުލުހުން ދައްކާފައި ވަނީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވަކީލުންގެ ޓީމުގެ ފަރާތުން އަދާލަތު ޕާޓީގެ ތަރުޖަމާނު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށެވެ. ނަމަވެސް އެ ހަތް މީހުން ހައްޔަރުކޮށްފައި ވަނީ ސުލްހަވެރިކަމާ އެކު އިށީނދެ ތިއްބާ ކަމަށާއި އެއީ ގާނޫނާ ހިލާފް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ