މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ފަލާހު ދޫކޮށްލަން މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި

ހައި ކޯޓުގެ އަމުރާ އެކު ފުލުހުން ބަލަހައްޓަމުން އަންނަ އުސް ފަސްގަނޑަށް އަރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަލާހު ދޫކޮށްލަން މާލޭ ސިޓީ ކައުންސިލުން ފުލުހުންނާއި ސަރުކާރަށް މިއަދު ގޮވާލައިފި އެވެ. ފަލާހު ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކޮށް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އުސް ފަސްގަނޑު ސަރަހައްދުން ފަލާހު ހައްޔަރުކޮށް ދޫނިދޫ އަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކައުންސިލުން ބުންޏެވެ. އެ ބަޔާނުގައި ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ފަލާހު ހައްޔަރުކުރުމުން ކަންބޮޑުވާ ކަމަށެވެ. އަދި އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ މެމްބަރު ފަލާހު ހައްޔަރުކުރީ ސިޔާސީ މަގްސަދެއްގައި ކަމަށް ވެސް އެ ބަޔާނުގައި ސިޓީ ކައުންސިލުން ތުހުމަތުކޮށްފައިވެ އެވެ. ކައުންސިލުން ބުނީ ފަލާހަކީ ކައުންސިލްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި މާލެ ސިޓީ ތަމްސީލްކުރައްވާ މެމްބަރެއް ކަމަށެވެ. އެހެން ނަމަވެސް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައީސްކަން ކުރައްވާ އެލްޖީއޭ އިން، ފަލާހު ހައްޔަރުކުރުމާ ދެކޮޅަށް ބަޔާނެއް ނެރެފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެމްޑީޕީން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާ އަށް ފަހު އުސް ފަސްގަނޑު ސަރަހައްދަށް އެއްވެ ބެރިކޭޑް ވައްޓާލައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ފަލާހުގެ އިތުރުން އެމްޑީޕީ ޒުވާނުންގެ ގޮފީގެ ރައީސް އައިމިނަތު ޝައުނާ ވެސް ހިމެނޭ ގޮތަށް 13 މީހަކު ހައްޔަރުކުރި އެވެ. އެ އެންމެންގެ ބަންދުގެ މުއްދަތު ހޮނިހިރު ދުވަހު ކޯޓުން ވަނީ ފަސް ދުވަހަށް އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ