ގާސިމް ނެތް ކޯލިޝަނެއް އެއީ ފުޅާ ކޯލިޝަނެއް ނޫން: އުމަރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ އުއްމީދީ ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކަމަށް ޕީޕީއެމްގެ ކުރީގެ ނާއިބް ލީޑަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީޓީވީން މިރޭ ގެނެސްދިން ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ގިނައިން ތިބީ ރައްޔިތުން މާޔޫސްވާފަދަ ކެންޑިޑޭޓުން ކަމަށެވެ. އެހެންނަމަވެސް ގާސިމް އިބްރާހިމް ފަދަ އުއްމީދީ ލީޑަރެއް އިންތިޚާބުގައި ފެނިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. ވަހީދާއި މެދުވެސް ކުރިން އުއްމީދުތަކެއް އޮތް ކަމަށާއި، އެކަމަކު ގާސިމްއާއި ގުޅިވަޑައިނުގެން ރައްޔިތުން ބޭނުންވާ އުއްމީދު ހާސިލްނުކުރެވޭނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފުޅާ ކޯލީޝަނެއް ހެދުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ރައީސް ވަހީދު މިހާރު އެކުލަވާލައްވާފައިވާ "ޤައުމައިގެން ކުރިއަށް" ކޯލީޝަނަކީ ފުޅާ ކޯލިޝަނެއް ނޫން ކަމަށާ އެއީ ރައްޔިތުން އުއްމީދުކުރި ފަދަ ކޯލިޝަނެއްވެސް ނޫން ކަމަށެވެ.
"ގާސިމް ނެތް ކޯލިޝަނެއް އެއީ ފުޅާ ކޯލިޝަނެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ހަމައެއް އަޅުގަނޑަކަށް ނުފެނެ" އުމަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ޕްރައިމަރީގައިވެސް ވާދަކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވީ ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށާ އެހެންކަމުން ގާސިމްއާއި ނުލާ ފުޅާ ކޯލިޝަނެއް ނުހެދޭނެ ކަމަށެވެ.
ގާސިމްއާއި ވަހީދު އެކުގައި މަސައްކަތް ކުރެއްވޭނެ އުސޫލެއް ހަމަޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށާއި، ގާސިމް ހުންނެވީ ގޮތް ދޫކުރައްވާ ގޮތަށް ނަމަވެސް ރައީސް ވަހީދުގެ ކިބައިން އެކަން ފެނިވަޑައިނުގަންނަވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށް ވޯޓް ނުދިނުމަށް އޭނާ ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހުސްއަނގަތަޅާ މީހުންނަށް ވޯޓް ދިނުމުގެ ބަދަލުގައި ނަތީޖާ ނެރެދީފައިވާ ކަންކަން ތަޖްރިބާ ކޮށްފައިވާ ލީޑަރަކަށް ވޯޓް ދިނުމަށް ރައްޔިތުން ވިސްނަންޖެހޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ނަސީރު ވިދާޅުވީ އޭނާ ކުރިއަށް އޮތް އިންތިޚާބުގައި ތާއީދުކުރާނެ ކެންޑިޑޭޓަކު ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިއުލާންކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ