ހަމީދު މާލޭގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން ޑީޕީއާރްއެސްއަށް އަންގައިފި

ދޮޅު އަހަރު ދުވަހަށް އަރުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށްޓަކައި އޭނާ ފުރަން ތައްޔާރުވުމަށް ޑީޕީއާރްއެސް އިން އަންގާފައި އޮއްވައި، އޭނާ މާލޭގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން ޑީޕީއާރްއެސްއަށް އަންގައިފި އެވެ. ހަމީދުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް ހަމީދުގެ ފަރާތުން ވަނީ އިއްޔެ ސުޕްރީމް ކޯޓުގައި ސިޓީއަކުން އެދިފަ އެވެ. ހަމީދުގެ ވަކީލުންގެ ޓީމުގެ ފަރާތުން ވިދާޅުވީ އެ ސިޓީގެ ޖަވާބުގައި ސުޕްރީމް ކޯޓުން ފޮނުވާފައިވާ ސިޓީއެއްގައި، ހަމީދު މާލޭގައި ބެހެއްޓުމަށް ޑީޕީއާރްއެސްއަށް އަންގާފައި ވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާ ކަމަށެވެ. ޑީޕީއާރްއެސް އިން އިއްޔެ ހަމީދަށް އަންގާފައިވަނީ ތިން ދުވަހުގެ ތެރޭގައި ފުރަން ތައްޔާރުވުމަށެވެ. އަދި ފުރަން ބޭނުންވާ ވަކި ރަށެއް އޮތް ނަމަ އެކަން ވެސް ތިން ދުވަހުގެ ތެރޭގައި އެންގުމަށް ޑީޕީއާރްއެސް އިން ބުނެފައިވެ އެވެ. ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން ކާށިދޫ ދާއިރާގެ ގޮނޑިއާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ކުރިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ކޯޓުން ނިންމާފައިވަނީ އިލްތިމާސްކުރުމުގެ ހައްގު އޮތްހާ ހިނދަކު ހަމީދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ނުބެލޭނެ ކަމަށާއި ނަމަވެސް ހުކުމް ދެމިއޮތްހާ ހިނދަކު ރައްޔިތުންގެ މަޖިލީހަށް އޭނާ އަށް ހާޒިރުނުވެވޭނެ ކަމަށެވެ. ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މުނިސިޕަލްޓީން ގަތް ކޮޅުވެއްޓިއެއް ސަރުކާރަށް ލިބުމުގެ ހައެއްކަ މަސް ކުރިން އެ އުޅަނދު ލިބުނު ކަމަށް ހަމީދު ސޮއިކުރެއްވި ކަމަށް ސާބިތުވެގެންނެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަންޖެހެނީ އެގްރިމެންޓުގައި ސޮއިކުރުމުންނެވެ. ބާކީ ފައިސާ ދައްކަންޖެހެނީ އުޅަނދު ސަރުކާރަށް ލިބުމުންނެވެ. އެހެންކަމުން އުޅަނދު ލިބުމުގެ ކުރިން އެ ލިބިއްޖެ ކަމަށް ސޮއިކުރުމުން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ވެފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ