ފޭދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރަން ސިހުރު ހެދި ކަމަށް ނިހާދުގެ ފަރާތުން ތުހުމަތުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، އެ ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް ދީދީގެ ފަރާތުން ސިހުރު ހަދާފައިވާ ކަމަށް އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ފަރާތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާ އަށް ވާދަކުރެއްވި މުހައްމަދު ނިހާދުގެ ފަރާތުން އެގޮތަށް ބުނެފައިވަނީ އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަން އޭނާ ހައި ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ. ނިހާދުގެ އެ ދައުވާގައިވާ ގޮތުން އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ސިހުރު ކަމަށް ބެލެވޭ އެއްޗެއް ލިޔެފައި ހުރި ކިހާކެއް ބައެއް ތަންތަނުގައި އިބްރާހިމް ދީދީގެ ފަރާތުން ވަޅުލާފައިވެ އެވެ. އެގޮތުން ނިހާދު ދިރިއުޅޭ ގެ އާއި ވޯޓު ފޮށި ބެހެއްޓި މަރުކަޒުތައް ކައިރީގައި އެފަދަ ކިހައްތަކެއް ވަޅުލާފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ. އަދި ވޯޓުލާން މީހުން ގޮސް ކިއުގައި ތިއްބާ އެތަނަށް ވެސް އިބްރާހިމް ދީދީ ގޮސް ކެމްޕެއިން ކޮށްފައިވާ ކަމަށް ވެސް ނިހާދުގެ ފަރާތުން ކުރި އެ ދައުވާގައިވެ އެވެ. އެ ދައުވާގައިވާ ގޮތުން އެ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އޭނާ އަށް ވަނީ ގެއްލިފަ އެވެ. އެއީ އޭނާގެ ކެންޑިޑޭސީ ބާތިލްކުރަން އެ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނިމިފައިވަނީ އިންތިޚާބަށް އެންމެ ދުވަހަކަށްވެފައި ވަނިކޮށް ކަމަށްވާތީ އެ މައްސަލަ ނިމޭނެ ގޮތެއް ނޭނގޭތީ ކަމަށް އެ ދައުވާގައިވެ އެވެ. މީގެ އިތުރުން ރިޝްވަތު ހިފުމުގެ ކަންތައްތަކެއް އިބްރާހިމް ދީދީގެ ފަރާތުން ހިންގާފައިވާ ކަމަށާއި އެކަން އިލެކްޝަންސް ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އަށް ހުށަހެޅުމުން މިއަދާ ހަމައަށް ވެސް އެކަމާ މެދު ޖަވާބެއް ނުދޭ ކަމަށް އެ ދައުވާގައިވެ އެވެ. އަދި ކެމްޕެއިން ކުރުން މަނާ ގަޑިތަކުގައި އިބްރާހީމް ދީދީގެ ފަރާތުން ކެމްޕެއިން އެސްއެމްއެސްތަކެއް ފޮނުވާފައިވާ ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ. އެކަންކަން ސާބިތުކޮށް ދިނުމަށް ހަތަރު ހެކިވެރިއަކާއި ދެ ޕެޓިޝަނެއް ނިހާދުގެ ފަރާތުން ހުށަހެޅި އެވެ. އެ މައްސަލައިގެ ތެރެއަށް އިބްރާހީމް ދީދީ ތަދައްޚުލްވެފައިވާ އިރު ނިހާދުގެ ދައުވާގައިވާ ކަންކަމަށް އިބްރާހިމް ދީދީގެ ފަރާތުން އިންކާރުކުރި އެވެ. އިބްރާހިމް ދީދީގެ ވަކީލް އަހުމަދު ޝަފީގް ވިދާޅުވީ އެފަދަ ކަންތައްތަކެއް ހިންގާފައިނުވާ ކަމަށާއި އެ ދައުވާގައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތަކަކީ އިބްރާހިމް ދީދީގެ އަގު ވައްޓާލަން ދައްކާ ވާހަކަތަކެއް ކަމަށް ވެސް ޝަފީގް ތުހުމަތުކުރެއްވި އެވެ. އިބްރާހިމް ދީދީގެ ފަރާތުން އެދުނީ އިންތިޚާބު ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނިހާދުގެ އެ ދައުވާ އަށް އިލެކްޝަންސް ކޮމިޝަނުން ވެސް ދެކޮޅު ހެދި އެވެ. ސިހުރު ހަދާފައިވާ ކަމަށް ދައުވާގައި ބުނެފައިވާ ބުނުމާ މެދު އެ ކޮމިޝަންގެ ވަކީލު ހުސައިން ސިރާޖް ވިދާޅުވީ އެއީ ސިހުރެއް ކަމަށް ބެލެވޭ އެއްޗެއް ދައުވާގައިވާ ކަމަށާއި އެހެންކަމުން ފުރަތަމަ އެއީ އަސްލު ސިހުރެއްކަން ޔަގީންކުރަންޖެހޭ ކަމަށެވެ. އަދި އެއީ ސިހުރެއް ކަމަށްވިޔަސް އިންތިޚާބުގެ ނަތީޖާ އަށް އެކަމުން އަސަރުކޮށްފައިވަނީ ކިހާ މިންވަރަކަށް ކަން ބަލަންޖެހޭނެ ކަމަށް ސިރާޖް ވިދާޅުވި އެވެ. ސިރާޖް ވިދާޅުވީ ސިވިލް ކޯޓުގައި މައްސަލައެއް އޮތުމުން ނިހާދުގެ ކެމްޕެއިނަށް ހުރަސް ނޭޅޭ ކަމަށާއި އަލްހާން ކުރެއްވި އެ ދައުވާއަކީ ނިހާދުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ނޫން ކަމަށެވެ. އަދި ނިހާދުގެ ފަރާތުން ކޮމްޕްލެއިންޓްސް ބިއުރޯ އަށް ޝަކުވާ ހުށަހަޅާފައިވަނީ 27 ވަނަ ދުވަހު ކަމަށް ވިދާޅުވެ، އެކަންކަން ހިނގި ވަގުތު ޝަކުވާ ހުށަނޭޅީ ކީއްވެތޯ ސިރާޖް ސުވާލު އުފެއްދެވި އެވެ. އަދި ޝަކުވާ ހުށަހެޅިއިރު ވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބިއުރޯ އިން މައުލޫމާތު ދޭ ކަމަށް ސިރާޖް ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ނުވަތަ ހެއްކަކު ހާޒިރުކުރަން ނުޖެހޭނަމަ ދެން އޮންނަ މަޖިލީހެއްގައި ހުކުމް އިއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ