300 އަށް ވުރެ ދަރިވަރުންނާއެކު ސްކޫލް ކުދިންގެ ގުރްއާން މުބާރާތް ފަށައިފި

ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ފުރަތަމަ ފަހަރަށް ސްކޫލް ކުދިންގެ ގުރްއާން މުބާރާތް ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގައި ރޭ ފެށި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ފުރަތަމަ ސްކޫލު ކުދިންގެ ގުރްއާން މުބާރާތަށް ކުދިން ހޮވާފައިވަނީ ހަތަރު ދާއިރާ އަކުންނެވެ. އެއީ ވ. އަތޮޅުގެ ސްކޫލް ތަކުން ހޮވޭ ހަ ދަރިވަރަކާއި އެހެން ކޮންމެ އަތޮޅެއްގެ އަތޮޅު ސްކޫލްތަކުން ހޮވޭ 12 ދަރިވަރަކާއި އައްޑޫ ސިޓީން ހޮވޭ 18 ދަރިވަރެއްގެ އިތުރުން މާލޭ ސިޓީގެ ކޮންމެ ސްކޫލަކުން ހޮވާލެވޭ ހަ ދަރިވަރެކެވެ.
ގައުމީ ގުރްއާން މުބާރާތް ބާއްވާ އުސޫލު ތަކާއި އެއްގޮތަކަށް މި މުބާރާތް ގެންދިޔަނަމަވެސް މުގައްރަރަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ގައުމީ ގުރްއާން މުބާރާތުގައި އަންހެން ފިރިހެން ވަކިން އިންސާފު ކޮށްފައިވީނަމަވެސް ސްކޫލު ކުދިންގެ ގައުމީ މުބާރާތުގައި، އަންހެން އަދި ފިރިހެން އެކުގައި އިންސާފު ކުރަން ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ގައުމީ މުބާރަތެކޭ އެއްފަދައިން މި މުބާރާތުގައި ވެސް ހިތުންނާއި ފޮތުން ބަލައިގެން ކިޔެވުމުގެ ބައި ހިމެނޭ އިރު، ގައުމީ މުބާރާތުގައި ނުހިމެނޭ ބައެއް ވެސް ވެއެވެ. މި މުބާރާތުގައި ހާފިޒުންނަށް ހާއްސަކުރެވިފައިވާ ބައެއްވެސް ކުރިއަށް ގެންދެއެވެ.
ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުމަށާއި ޤުރުއާނަށް ދަރިވަރުން ލޯބި ޖެއްސުމާއި ރީތިކޮށް ޤުރުއާން ކިޔެވުުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމަށް މި މުބާރާތް ބާއްވާ އިރު، ކޮންމެ ބަޔަކުން ވެސް އެއްވަނަ އަށް ދާ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ބަޔަކުންވެސް އެންމެ މޮޅު ފަސް ދަރިވަރުން ހޮވާނެއެވެ.
މި މުބާރާތުގެ އެއް މަގްސަދަކީ ގުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުން އުފެއްދުމާއި ބައިނަލްއަގްވާމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިން އުފެއްދުމުގެ އިތުރުން މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން ގާއިމް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ