ލޯކަލް އިންތިހާބު 2011: ވޯޓު އެއްވަރުވި ފަސް ދާއިރާގެ އިންތިހާބުގެ ވޯޓުލުމުގައި ފޯރިއެއް ނެތް!

މިދިޔަ މަހު 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމަށްޓަކައި ގިނަ ރަށްތަކުގައި ފަތިސް ނަމާދަށް ފަހު ގިނަ ބަޔަކު ކިޔޫޖެހިގެން ވޯޓުލާން ނުކުތް ނަމަވެސް، ވޯޓު އެއްވަރުވި ފަސް ދާއިރާގެ ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި މިއަދު ކުރިއަށް ގެންދާ އިންތިހާބު އެންމެން ވެސް ނެގީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ އެވެ. ވޯޓުލުން ފެށުނު އިރު ވެސް ބައެއް ރަށްރަށުގައި އަދި މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ދޮށުގައި މީހެއްގެ ހިލަމެއް ނުވެ އެވެ.
ކައުންސިލްތަކަށް ހޮވަންޖެހޭ އަދަދު ހަމަކުރުމަށް ހެނދުނު 00: 8 ޖެހިއިރު ވޯޓުލުން ފަށާފައި ވަނީ ބ. ކިހާދު އާއި ރ. ދުވާފަރާއި ގއ. ކޮލަމާފުއްޓާއި ހދ. ކުމުންދޫގެ އިތުރުން މ. ވޭވަށުގަ އެވެ.
ކައުންސިލް އިންތިހާބުގައި ހަރަކާތްތެރިވި އޮފިޝަލުން ވޯޓު ގުނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވާތީވެ، މި ފަސް ދާއިރާގެ ވޯޓުލުމާއި ގުނުމުގެ ކަންތައް ކުރިއަށް ގެންދަނީ އިލެކްޝަންސްގެ އިސް ބޭފުޅުން ރަށްރަށަށް ވަޑައިގެން އެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުންނެވެ.
ދުވާފަރުގައި ވޯޓުލުމުގެ ކަންތައްތަކާ ހަވާލުވެ ހުންނެވި އިލެކްޝަންސްގެ އެގްޒެކެޓިވް ޑިރެކްޓަރު އިސްމާއިލް ހަބީބު ވިދާޅުވީ ދުވާފަރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 2،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މެންދުރު 00: 2 އާ ހަމައަށް ވޯޓުލާފައިވަނީ ގާތްގަނޑަކަށް 770 މީހުންނެވެ. އެ ރަށުގައި އިންތިހާބު ކުރިއަށްގެންދަނީ އެމްޑީޕީ އާއި ޑީއާރުޕީ ކެންޑިޑޭޓެއްގެ މެދުގަ އެވެ.
"ވަރަށް އަމާންކަމާ އެކު ގަވާއިދާ އެއްގޮތަށް ވޯޓުލުން ކުރިއަށް ދަނީ. މި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ވެސް ލިބިގެން،" ހަބީބު ވިދާޅުވި އެވެ. "ގިނަ ބަޔަކު އަދި ވޯޓުލާފައި ނުވިއަސް، ވޯޓުލާން އާއްމު ގޮތެއްގައި އަންހެން ބޭފުޅުން ނުކުންނަނީ ވެސް ހަވީރު. އެހެންވީމަ މި ފަހަރު ވެސް ހަވީރު ވަގުތަށް ގިނަ ބަޔަކު ވޯޓުލާނެ ކަމަށް ލަފާކުރެވޭ."
ނިސްބަތުން އާބާދީ މަދު މ. ވޭވަށުގައި ވޯޓު އެއްވަރުވެފައިވަނީ އަމިއްލަ ގޮތުން ކުރިމަތިލީ ދެ ކެންޑިޑޭޓެއްގެ މެދުގަ އެވެ. އެ ރަށުގައި ހުންނެވި އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހަންމަދު އާސިފް ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 142 މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާފައިވާ ކަމަށެވެ. އިންތިހާބު އެ ރަށުގައި ވެސް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް މައްސަލައެއް ކުރިމަތިނުވެ އެވެ.
ހދ. ކުމުންދޫން ވާހަކަދެއްކެވި އިލެކްޝަންސްގެ ޑިރެކްޓަރު ޝެރީނާ އަބްދުއްސަމަދު ވިދާޅުވީ، އެ ރަށުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 765 މީހުންގެ ތެރެއިން ވޯޓުލާން މެންދުރާ ހަމަ އަށް ނުކުމެފައިވަނީ 100 އެއްހާ މީހުން ކަމަށެވެ. އެ ރަށުގައި ވޯޓުލާން ޖެހިފައިވަނީ އެމްޑީޕީގެ ދެ ކެންޑިޑޭޓެއްގެ މެދުގަ އެވެ.
"ވަރަށް ތަރުހީބު ކުޑަކޮށް އަދި ދަނީ،" އޭނާ ވިދާޅުވި އެވެ.
ބ. ކިހާދޫން ވާހަކަދެއްކެވި އިލެކްޝަންސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޒާހިދު ވިދާޅުވީ އެ ރަށުގައި ވޯޓު އެއްވަރުވި ތިން ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ވޯޓުލުން އެއްވެސް މައްސަލައެއް ނެތި ކުރިއަށްދާ ކަމަށެވެ. އަދި ހަތަރެއް ޖަހާއިރު ކިޔޫ ބަންދުކޮށް، ހައެއް ޖެހުމުގެ ކުރިން ނަތީޖާ އިއުލާންކުރެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޯޓުލުން ކުރިއަށް ދާ ފަސް ރަށުގެ އިތުރުން އެ ރަށްރަށުގެ މީހުންނަށް މާލޭގައި ވޯޓުލެވޭނެ ގޮތް ހަމަޖެއްސުމަށް ބައެއް ސްކޫލްތަކުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ފޮށި ބަހައްޓައިފަ އެވެ. އެ ގޮތުން އަމީނިއްޔާ އާއި އިސްކަންދަރުގެ އިތުރުން ސީއެޗްއެސްސީގައި ވެސް ވަނީ ވޯޓު ފޮށި ބަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ