މާލޭގެ ރައްޔިތުން އަޅުގަނޑަށް އިތުބާރުކުރޭ، ނިކަމެތިވިޔަ ނުދޭނަން: ޑރ. މުއިއްޒު

މާލޭގެ ރައްޔިތުން ނިކަމެތިވިޔަ ނުދޭނެ ކަމުގެ ޔަގީންކަމާއެކު، އޭނާ އަށް އިތުބާރުކުރުމަށް، އިދިކޮޅު ކޯލިޝަންގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފި އެވެ.
އެ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ އޭނާ މޭޔަރަކަށް އިންތިޚާބު ކޮށްފި ނަމަ މާލޭގެ ރައްޔިތުންގެ ހައްގުތަކާއި އުއްމީދުތައް ހާސިލް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު މާލޭގެ މޭޔަރު ކަމަށް ހޮއްވަވައިފި ނަމަ މާލޭގެ ރައްޔިތުންގެ ހައްގުގައި މާލޭގެ ރައްޔިތުންގެ އުއްމީދު ހާސިލްކޮށްދިނުމަށްޓަކައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް ކެނޑިނޭޅި ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެމޭ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މާލޭގެ ކަންކަން ހުރީ ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ކަންކަން ހުރި ގޮތަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރުވާއިރު، އެ ސަރުކާރުގެ ވިސްނުމާ މެދު ސުވާލު އުފެދޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ތިބީ ބިކަހާލުގައި ޖެހިފައި ކަމަށާއި ދުވަހަކަށް ވުރެ ދުވަހެއް ގައުމުގެ ކަންކަން ދަނީ ގޯހަށް ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވިގޮތުގައި، މި ސަރުކާރަށް މިވީ މުއްދަތުގައި ފެންނަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޔާމީން ސަރުކާރުން އެޅި ފްލެޓުތަކެވެ. ނަމަވެސް ޔާމީންގެ ސަރުކާރުން އެ ތަންތަން ދީފައިވަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ވިޔަސް އެ އެންމެން މިހާރު ތިބީ ނިކަމެތިވެފައި ކަމަށް ވިދާޅުވި އެވެ.
ފްލެޓު އަތުލި މީހުންގެ ތެރޭގައި، ޑިއުޓީ ބަހައިގެން ނިދާ ގޭގެ މީހުން ވެސް އުޅޭ ކަން ފާހަގަކުރެއްވި އެވެ.
"މިއީ ކޮންފަދަ ސަރުކާރެއް ބާއޭ އަޅުގަނޑު ހިތަށް އަރާ. ހަގީގަތުގައި ވެސް އަޅުގަނޑު ހިތަށް އަރާ ހާދަ އަނިޔާވެރި ސަަރުކާރޭ... ކޮބައިބާ އެ ރައްޔިތުން ކުރި ކުށަކީ؟،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރަށްވި މުއްދަތަކީ ޔާމީންގެ ސަރުކާރުން އެޅި ފްލެޓުތަކަށް ވުރެ ގިނަ ފްލެޓް އެޅޭނެ ވަގުތު ކަމަށާއި އެކަމަކު ކުރި އެއްވެސް ކަމެއް ނެތް ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ވެސް ކޮށްދިން ކަންތައް ދެއްކުމަށް އެދިވަޑައިގެން، ފްލެޓުތައް ވަގުތުން ދިނުމަށް އޭނާ ގޮވައިލެއްވި އެވެ. މުއިއްޒު ވިދާޅުވީ އެހާ ނިކަމެތިކޮށް އުޅޭ ބައެއްގެ ފްލެޓުތައް ފޭރިގަތުމުގެ އެއްވެސް ހައްގެއް މި ސަރުކާރަކަށް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުން އެކަން ކޮށްފައި ވަނީ ވަރަށް އިންސާފުވެރިކަމާއެކު. މި ސަރުކާރުން އެގޮތަށް އަތުލަމުން ދާ ދިއުމަކީ އިރާދަކުރެއްވިއްޔާ މާލޭގެ ރައްޔިތުންގެ ތާއީދާ އެކީގައި މާލޭގެ މޭޔަރުކަމަށް ހޮވައިފި ނަމަ މާލޭގެ ރައްޔިތުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ގެއަށް ނުވަދެ ކޮށްދޭނަމޭ ފްލެޓުތައް އެ ފަރާތްތަކާ ހަވާލުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތް ވާތީ ތަފާތެއް ނުކުރާނެ ކަމަށެވެ. އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ