ވައިކަރަދޫ އަދި ކުމުންދޫ އާ އިންޖީނުގެ އިމާރާތުގެ ބިންގާއަޅައިފި

ރަށްރަށުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި ޒަމާނީ އިންޖީނުގެތަކެއް އެޅުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހދ.ވައިކަރަދޫ އަދި ހދ. ކުމުންދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
ވައިކަރަދޫ އިންޖީނުގޭގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުއެވެ. އަލަށް އިމާރާތްކުރެވޭ މި އިންޖީނުގޭގައި ޑީސެލް ސްޓޯރޭޖް ޓޭންކްތަކެއް ގާއިމް ކުރުމަށްވަނީ ނިންމާފައެވެ.
ވައިކަރަދޫގައި މިހާރު ހުންނަ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގައެވެ. މިކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންގެ އެތައް އުދަގޫތަކެއް ކުރިމަތިވެއެވެ. އެ ރަށު ކައުންސިލުން ކުރިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިންޖީނުގެ ކައިރީގައި ހުންނަ ގެތަކުގެ ގަސްގަހާގެއްސައް ދުމުގެ އަސަރު ކުރުމުގެ ސަބަބުން އެ ގަސްތަކުގައި އަޅާ މޭވާވެސް ބޭނުންނުކެރެވޭވަރުވެއެވެ.
ކުމުންދޫ އިންޖީނުގޭގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސައީދު އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުއެވެ.
އަލަށް އިމާރާތްކުރެވޭ އިންޖީނުގެ އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުން، ކައުންސިލްތަކުން ދޫކޮށްފައިވާ ހާއްސަ ބިމެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ