ގަނޑުފެނުގެ ތޫފާނާއި، ގަދަފަދަ ވަޔާއި، ބޯ ވިއްސާރައާއެކު ޗައިނާގެ އިރުމަތީ ޖިއާންސޫ ޕްރޮވިންސަށް ނަގޫ ރޯޅިއެއް އަރައި 78 މީހުން މަރުވެ ފައްސަތޭކައަށްވުރެ ގިނަ މީހުންނަށް އަނިޔާ ވެއްޖެކަމަށް ޗައިނާގެ ރަސްމީ ނޫސް އޭޖެންސީން ބުނެފިއެވެ.
ޒިންހުވާ ނޫސް އޭޖެންސީން ބުނެފައިވަނީ، ޖިއާންސޫގެ ބައެއް އަވަށްތައް އެއްކޮށް ބިމާ ހަމަވެފައިވާ ކަމަށާއި، ބޮޑެތި ބިޔަ ގަސްތައްވެސް މުލުން ލުހިގެން ވެއްޓިފައިވާ ކަމަށެވެ. ޖިއާންސޫ ޕްރޮވިންސްގެ ޔަންޗެންގް ސިޓީއާއި، އެސިޓީ ވަށައިގެންވާ ސަރަހައްދުތަކަށް ގަޑިއަކު 77 މޭލު ބާރުމިނުގައި ވައިޖެހުނު ކަމަށްވެސް ޒިންހުވާއިން ބުނެއެވެ.
ގަނޑުފެނުގެ ތޫފާނާއެކު ގަނޑުފެން ބުރިބުރި ހިމެނޭ ގަނޑުފެނުގެ ވާރެއާއި، ނަގޫރޯޅިއާއި، ގަދަވަޔާއި ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އިތުރަށް ޒަޚަމްވެފައިވާ މީހުންގެ ތެރެއިން ދުއިސައްތަ ވަރަކަށް މީހުންގެ ހާލު ސީރިއަސްކަމަށް މީޑިއާއިން ބުނެއެވެ.
ޖިއާންސޫއަށް އެރި ނަގޫރޯޅިއަކީ ފާއިތުވީ ބައި ގަރުނުގެ ތެރޭގައިވެސް ޗައިނާއަށް އެރި އެންމެ ބާރުގަދަ ނަގޫރޯޅި ކަމަށާއި، އޭގެ ބާރުގަދަ ކަމުން ބިޔަ އިމާރާތްތައްވެސް އެއްކޮށް ސުންނާފަތިކޮށް ބިމާ ހަމަކޮށްލި ކަމަށް ޒިންހުވާއިން ބުނެފައި ވެއެވެ.
އެތައް ގެއެއް ކުދިކުދިވެ، ގަސްތަކާއި، މަގުބައްތިތައް ހަރުކޮށްފައިވާ ހޮޅިދަނޑިތައްވެސް މުލުންލުހި އެތައް ހިސާބު ދުރައް "އުކާލާފައި" ވާކަމަށް ވެއެވެ. ފުންމިންގް އަވަށުގެ އުމުރުން 62 އަހަރުގެ ޝީ ލިޓިއަން ނަމަކަށްކިޔާ މީހަކު ބުނެފައިވަނީ އޭނާ ހީކުރީ "ދުނިޔެ ނިމުނީކަމަށް" ކަމަށެވެ.
ޖިއާންސޫއަށް ކުރިމަތިވި ހާލަތާ ގުޅިގެން، މީހުން ސަލާމަތްކުރުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުވައި ދިނުމުގެ މަސައްކަތް ވަގުތުން ފެށުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ އަމުރު ކުރައްވާފައެވެ.
ޚަބަރު ލިބޭގޮތުގައި، ޖިއާންސޫގެ އިތުރުން، މުޅި ޗައިނާގެ އެކި ހިސާބުތަކަށް މިހަފްތާގައި ކުރި މޫސުމީ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ތޫފާންތަކުގެ ބާރު ލަފާކުރި ވަރަށްވުރެ ބާރުގަދަވެފައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އާންމުކޮށް ވިއްސާރަ މޫސުމުގައި ޗައިނާގެ ދެކުނުގެ ހިސާބުތަކުގައި ފެންބޮޑުވާ ކަމަށާއި، އެކަމަކު މިފަހަރުގެ ވިއްސާރަ މޫސުމުގައި އާދަޔާ ޚިލާފަށް ފެންބޮޑުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާގެ މެދުތެރޭ ސަރަހައްދުތަކަށް ވެހުނު ބޯ ވާރޭގެ ސަބަބުން ހޯމަދުވަހު އެކަނިވެސް 22 މީހުން މަރުވެފައިވާ ކަމަށާއި، 197،000 މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފައިވާކަމަށް ޒިންހުވާއިން ބުނެއެވެ. ފެންބޮޑުވުމުގެ ސަބަބުން ގީޒޫ ޕްރޮވިންސްގެ ބޯޓުދެލިނަގާ ވަޅެއްގައި 8 މީހުން ތާށިވެފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ފެންބޮޑުވުމުގެ ހާދިސާތަކުގައި މިހާތަނަށްވެސް ލިބިފައިވާ އިގްތިސާދީ ގެއްލުންތަކުގެ އަގު ގާތްގަނޑަކަށް 2.7 ބިލިއަން ޔުއާން (410 މިލިއަން ޑޮލަރަށް) އަރާނެ ކަމަށް ޗައިނާ ސަރުކާރުން ލަފާކޮށްފައި ވެއެވެ.
މޫސުން ވަރަށް ގޯސްވެ ޗައިނާއިން 78 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ