އިޖްތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން އެންމެ ކުރުމުއްދަތެއްގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިއަދު މާމިގިލީ ފެނުގެ ނިޒާމް އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ކުރުމުއްދަތެއްގައި އެކި ދާއިރާތަކަށް ރައީސް ޔާމީންގެ ސަރުކާރުގައި ހެޔޮ ބަދަލްތަކެއް ގެނެސްދެއްވާފައިވާކަމަށެވެ. ގާސިމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތްތަކެއް ކުރެއްވީ އެމަނިކްފާނުގެ މެނިފެސްޓޯގައި މުހިންމު ކަންތައްތަކެއް ހުރުމުންކަމަށާ މިއަދު އެކަންކަން ފުރިހަމަވެގެންދާތަން ފެނުމަކީ ގައުމަށް އަބަދުވެސް ހެޔޮއެދޭ ބޭފުޅެއްގެ ހައިސިއްޔަތުން ވަރަށް އުފާކުރައްވާކަމެއްކަމަށެވެ.
"މިހާތަނަށް އެއްވެސް ވެރިއަކު ނުކޮށްދެއްވާވަރުގެ ގިނަ ގުނަ މަސައްކަތްތަކެއް މި ކުރު މުއްދަތުގެ ތެރޭގައި މަނިކްފާނު ވަނީއަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވާފައި،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިއަދު ރާއްޖޭގެ އެންމެ ބޮޑު ވައިގެ ބަދަރު ތަރައްޤީކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރަމުންއެބަގެންދަވާކަމަށާ، މާލެއާއި ހުޅުމާލެ ބުރިޖްގެ މަސައްކަތް ބާރު ސުޕީޑެއްގައި ކުރަމުން އަންނަތަން ފެންނަމުންދާކަމަށެވެ. އަދި ނަރުދާއެޅުމާއި، ބަދަރު ހެދުމާއި، ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ ތަރައްގީއަށް ހެޔޮ ބަދަލްތަކެއް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާތަން ފެންނަކަމަށް އެމަނިކްފާނު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކިތަންމެ ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި ނަމަވެސް ފާޑުކިޔުންތައް އަމާޒްވާނެކަމަށާ ނަމަވެސް ފާޑުކިޔުންތައް ހުރިނަމަވެސް ހުއްޓުމެއްނެތި ގައުމައިގެން ކުރިއަށް ވަޑައިގަންނަވާ މަންޒަރު ފެންނަމުންދާތީ އުފާކުރައްވާކަމަށެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ