ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލަކީ ކޮރަޕްޝަން ހިންގަން ހުޅުވާލެވޭ ދޮރެއް ކަމަށާއި އެ ބިލާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބިލާ ދެކޮޅަށް މަސައްކަތް ކުރާ "27ގެ ދިފާއުގައި" ހަރަކާތުގެ އިސް ފަރާތްތަކާ އެކު ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ އަބުރުގެ ބިލު ގާނޫނުއަސާސީއާާ ސީދާ ތައާރުޒުވާ ކަމަށެވެ. ބިލު އޮތް ގޮތުން ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށްވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެއް،" ޖޭޕީގެ ހަރުގެ، މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް އާއި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުން "27ގެ ދިފާއުގައި" ހަރަކާތުގެ އިސް ފަރާތްތަކާ މިއަދު ބައްދަލުކުރަނީ.
މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ އަބުރުގެ ބިލު ބަލައިގަތުމާ މެދު ނެގި ވޯޓުގައި އޭނާ އާއި އޭނާގެ ޕާޓީގެ ގިނަ މެމްބަރުން ބިލާ ދެކޮޅު ހެއްދެވި ކަމަށެވެ. ބިލަށް އެކަށީގެންވާ ބޮޑެތި ބަދަލުތަކެއް ކޮމިޓީ މަރުހަލާގައި ނުގެނެސްފި ނަމަ އެ ބިލާ ދެކޮޅަށް ވޯޓު ދޭނެ ކަމަށާއި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުން ވިޕެއް ނެރެން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި އެވެ.
"އަޅުގަނޑު ޖަހާނީ ސީދާ ރެޑު [ނޫނެކޭ]،" އޭނާ ވިދާޅުވި އެވެ.
ގާސިމް އާއި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުން "27ގެ ދިފާއުގައި" ހަރަކާތުގެ އިސް ފަރާތްތަކާ މިއަދު ބައްދަލުކުރަނީ.
ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހެޅި ބިލަށް މިދިޔަ ހޯމަ ދުވަހު ބަހުސް ކުރެއްވި ގިނަ މެމްބަރުން މި ބިލު އޮތް ގޮތަށް ފާސް ކުރަން ދެކޮޅު ހެއްދެވި އެވެ. އެ ގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ބިލު ފާސްކުރަން އުޅެނީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުން ހުއްޓުވުމަށް ކުރަން އުޅޭ ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.
އެގާރަ މެމްބަރުންގެ ވަގުތީ ކޮމީޓީއަކުން މިހާރު ދިރާސާ ކުރަމުން އަންނަ ބިލަށް އާއްމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައި ވާއިރު، ބޮޑެތި މީޑިއާތައް ހިމެނޭ ގޮތުން 14 ފަރާތެއް ކޮމިޓީ އަށް ހާޒިރުކުރަން ވަނީ ނިންމާފަ އެވެ. އަދި މި މަހު 25ގެ ކުރިން މި ބިލުގެ މަސައްކަތް ކޮމިޓީން ނިންމައި ރިޕޯޓު ތަޅުމަށް ފޮނުވަން ވަނީ ނިންމާފަ އެވެ.
މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ވެސް ހިންގަމުންނެވެ.
އަބުރުގެ ބިލަކީ ކޮރަޕްޝަނަށް ހުޅުވާ ދޮރެއް، ދެކޮޅަށް ވޯޓު ދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ