ދަރިން ނުލިބިގެން ހޯދާ ފަރުވާ ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު

ދަރިން ނުލިބިގެން ފަރުވާ ހޯދާ ކޮންމެ ހަތަރު ދެމަފިރިއެއްގެ ތެރެއިން ގާތްގަނޑަކަށް ތިން ދެމަފިރިއަކަށް ފަރުވާ ކާމިޔާބުވެ ދަރިން ލިބޭ ކަމަށް ދިގު މުއްދަތަކަށް ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.
ޑެންމާކުގެ 200،000 ދެމަފިރިއަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކަށް ފަހު ބުނެފައި ވަނީ ދަރިން ނުލިބިގެން ފަރުވާ ހޯދި މީހުންގެ ތެރެއިން 65 ޕަސެންޓް މީހުންނަށް ފުރަތަމަ ތިން އަހަރު ތެރޭ ދަރިން ލިބިފައިވާ ކަމަށެވެ. އަދި 71 ޕަސެންޓް މީހުންނަށް ފަސް އަހަރު ތެރޭ ދަރިން ލިބިފައިވެ އެވެ.
ދަރިމައިވުމުގެ ސިއްހަތާ ބެހޭ ކޮންފަރެންސަކަށް މި ދިރާސާ ހުށަހެޅި ޓީމުން ބުނެފައި ވަނީ ދަރިން ހޯދަން ކުރާ ފަރުވާ ކާމިޔާބު ވުމުގެ ފުރުސަތު ބިނާވެގެން ވަނީ އަންހެން މީހާގެ އުމުރަށް ކަމަށެވެ. އެކަމަކު ޖުމުލަކޮށް ބަލާއިރު، ދަރިން ހޯދަން ކުރާ ފަރުވާއާ މެދު އުންމީދު ވަރަށް ބޮޑުކަން ފާހަގަކޮށްފައިވެ އެވެ.
އައިވީއެފް ހަދައިގެން ދަރިން ހޯދަން މަސައްކަތްކުރާ އުމުރުން 35 އަހަރުގެ މީހެއް ނަމަ ތިން އައިވީއެފްގެ ތެރެއިން އެއްފަހަރު ކާމިޔާބު ވާނެ ކަމުގެ ޔަގީކަން ބޮޑު ކަމަށް ދިރާސާ ޓީމުން ބުނެފައިވެ އެވެ.
އެކަމަކު ބައެއް މީހުން ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް ދަރިން ނުލިބިގެން ފަރުވާ ހުއްޓާލަނީ ކަމަށާއި އަނެއް ބަޔަކަށް ދަރިން ނުލިބެނީ ހައްލު ނުކުރެވޭ ނުވަތަ ވާގޮތް ނޭނގޭ މައްސަލަތަކެއް ކުރިމަތިވެފައި ހުރުމުން ކަމަށް ކޯޕެންހޭގަން ޔުނިވާސިޓީ ހޮސްޕިޓަލްގެ ދިރާސާ ރިޕޯޓްގައިވެ އެވެ.
ޔޫރަޕިއަން ސޮސައިޓީ އޮފް ހިއުމަން ރިޕްރޮޑަކްޝަން އެންޑް އެމްބްރިއޮލިޖީ އަށް ހުށަހެޅި މި ދިރާސާގައިވާ ގޮތުން ފަރުވާ ހޯދި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ވަނީ ދެ އަހަރު ތެރޭގައި ދަރިން ލިބިފަ އެވެ. އަދި ފަސް އަހަރު ތެރޭ 71 ޕަސެންޓް މީހުންނަށް ދަރިން ލިބުނެވެ.
އުމުރުން 35 އަހަރުން ދަށުގެ 80 ޕަސެންޓް މީހުންނަށް ފަސް އަހަރު ތެރޭ ދަރިން ލިބުނުއިރު 35 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން މި މުއްދަތުގައި ދަރިން ލިބުނު މީހުންގެ ނިސްބަތަކީ 61 ޕަސެންޓެވެ. އަދި 40 އަހަރުން މައްޗަށް ދިއުމުން 26 ޕަސެންޓަށް ވަނީ ވެއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ