ލޮނުޒިޔާރަތްކޮޅުގެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި

އެމްޑީޕީން މުޒާހަރާ ކުރަމުންދިޔަ ސަރަހައްދު ކަމަށްވާ ސުނާމީ ބިނާ ސަރަހައްދު ސިފައިންނާއި ފުލުހުން ނިކުމެ ރޫޅާލުމާއި ގުޅިގެން އެ ޕާޓީގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
ސިވިލް ކޯޓުން މިގޮތަށް ނިންމާފައިވަނީ، އެމްޑީޕީގެ ފަރާތުން ދައުވާކޮށްފައިވަނީ އެޕާޓީން ދައުވާ ކުރުމުގެ ބާރުދީފައިވާ ފަރާތެއް ނޫން ކަމަށް ބުނެ ދައުލަތުން ނަގާފައިވާ އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ.
ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު ކުރައްވާފައިވާ މިހުކުމުގައި ބުނެފައިވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު އައްޔަން ކުރުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާކަމާ، ވަގުތީ ޗެއާޕާސަން އައްޔަން ކުރުމުގެ ކަންތައްތައް ގެންގޮސްފައިވާކަންވެސް އެޕާޓީން ހުށަހަޅާފައިވާ ގައުމީ މަޖިލީހުގެ ޔައުމިއްޔާތަކުން އެގޭ ކަމަށެވެ.
ނަމަވެސް އެޕާޓީގެ ގައުމީ މަޖިލީހުގެ ހިންގާ ގަވާއިދުގައި ބަޔާން ކުރާ މައުލޫމާތުތަކަށް ބަލާއިރު ވަގުތީ ޗެއާރ ޕާސަނެއް އައްޔަން ކޮށްފައިވާކަން އެގެން ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.
އަދި ވަގުތީ ޗެއާރޕާސަނެއް އައްޔަން ކޮށްފައިވީ ނަމަވެސް އެއީ ކާކުކަން ވެސް އެނގެން ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
ސުނާމީ ބިނާ ސަރަހައްދު ސަލާމަތީ ބާރުތަކުން ރޫޅާލާ އެތަނުގައި ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެމްޑީޕީން ކޮށްފައިވާ ދައުވާ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅާފައިވަނީ ދައުވާގެ ޚުލާސާ ބަޔާން އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށެވެ.
ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމަށްފަހު އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތައް ސުނާމީ ބިނާ ސަރަހައްދުގައި ޓެންޓު ޖަހައިގެން ކުރިއަށް ގެންގޮސްފައިވާއިރު، އެސަރަހައްދު ބަންދުކޮށް ފުލުހުން ފާސް ކުރި ކުރުމުން މާރާމާރީ ހިންގަން ބޭނުންކުރާ ބައެއް އެއްޗެއްސާއި، ބަންގުރާ ހުސްކުރި ފުޅިތަކަކާ، ބޭނުން ނުކޮށް ހުރި ބިޔަރު ދަޅުތަކެއް ވެސް ފެނިފައިވެއެވެ.
ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަލާ ފާސްކުރީ އެތަނުގައި ތިބެފައި މަގުތަކަށް ނުކުންނަ މީހުން މާލޭގެ އެކި ސަރަހައްދު ތަކުގައި ހަމަ ނުޖެހުން ހިންގައި އަމިއްލަ ބައެއް މީސްމީހުންނާއި ދައުލަތުގެ ތަންތަނަށާއި މުދަލަށް ގެއްލުން ދެމުންދާ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ