މޯލްޑިވިއަންގެ ފްލައިން ސްކޫލް މާދަމާ ހުޅުވަނީ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގުޅިގެން އުފައްދާ ފްލައިން ސްކޫލް، މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ މާދަމާ ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.
އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 9:30 ގައި ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ.
ގައުމީ ޔުނިވާސިޓީއިން ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ޕައިލެޓުން ތަމްރީނު ކުރުމުގެ ގޮތުން ހުޅުވާ މި އެކެޑެމީ ހިންގާނީ ގައުމީ ޔުނިވާސިޓީ އާއި އައިލޭންޑް އޭވިއޭޝަން ގުޅިގެން އުފައްދާފައިވާ ޖޮއިންޓު ވެންޗާ ކުންފުންޏަކުންނެވެ. އެގޮތުން މި ކުންފުނީގެ ދަށުން އެ ސްކޫލް މެނޭޖް ކުރުމަށް ހަމަޖެހިފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީ އެވެ.
ގައުމީ ޔުނިވާސިޓީން ބުނީ އިންވެސްޓް ކުރާއިރު ރިސްކު އެސެސްމަންޓެއް ހަދާނެ ކަމަށާއި އަދި ރިކަވަރީ ފުރަތަމަ ކޮޅުގައި އުނދަގޫވި ނަމަވެސް ފަހުން ރަނގަޅުވާނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޖޮއިންޓު ވެންޗާ ކުންފުންޏެއް އުފެއްދުމަށް މިދިޔަ މަހު ވަނީ ސޮއިކޮށްފައެވެ.
މޯލްޑިވިއަން އިން ވަނީ ތިން އަހަރަށް ފްލައިން ސްކޫލު ހިންގަން ގަން އެއާޕޯޓާއެކު ސޮއިވެސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ