ބީއެމްއެލް އޭދަފުށީ ބްރާންޗް އޭޓީއެމް ތަކުން ހިދުމަތް ނުލިބޭތާ ފަސްދުވަސް. ރައްޔިތުން ރަތަށް!

ބޭންކް އޮފް މޯލްޑިވްސް، އޭދަފުށީ ބްރާންޗުގައި ބަހައްޓާފައި ހުންނަ އޭޓީއެމް ދެ މެޝިނުގައި މައްސަލަޖެހި ހިދުމަތް ނުލިބި ގިނަ ދުވަސްތަކެއް ވަމުން ދާތީ، އާންމުންގެ ޝަކުވާތައް ބޮޑުވެއްޖެއެވެ.
އޭދަފުށީ ވޮއިސް އަށް އެނގިފައިވާ ގޮތުގައި އޭދަފުށީގައި ބޭންކް އޮފް މޯލްޑިވްސް އިން އޮޕަރޭޓްކުރާ 2 އޭޓީއެމް މައްސަލަޖެހި ހިދުމަތް މެދުކެނޑުނީ މިދިޔަ ބުދަ ދުވަހު އެވެ. އެދުވަހަށްފަހު އޭޓީއެމްތަކުން ހިދުމަތް މެދުކެނޑިފައިވާތީ އާންމުންގެ ޝަކުވާތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އީވީއާ ވާހަކަދެއްކެވި ބ. ދޮންފަނު ރައްޔިތަކު ބުނީ އޭޓީއެމުން ލާރި ނުނެގިގެން ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާ، އެކަން ހައްލުވާނެ ދުވަހެއްވެސް އެނގިވަޑައިގަންނަވާ ބޭފުޅަކު ދިމާނުވިކަމަށެވެ.
”އަޅުގަނޑުގެ ކޮއްކޮގެ އަންހެނުން ވަރަށް ބޮޑަށް ބަލިވެގެން ކޮންމެހެން ލާރިކޮޅެއް ބޭނުންވެގެން އޭޓީއެމަށް ދިޔައިރު ހަލާކުވެފަހުރީ، އެތަނުގައި ތިބި ކުދިން ގާތު އަހާލީމަ ބުނީ ހެދޭނެ ދުވަހެއް ނޭނގެއޭ. ޗެކްފޮތެއްވެސް އަޅުގަނޑު ނުގެންގުޅެން. މިހެން މިކަން ވެދާނެކަމަކަށް ނުބަލާނެތާ! ވަރަށްވެސް ދެރަ. މިކަހަލަ ކަންކަން މީހުން ކުރާކަށް ނުވާނެތާ ދޯ“ އޭނާގެ އިހުސާސްތައް ބޭރުކޮށްލި އެވެ.
މިމައްސަލައާއި ގުޅިގެން ވިޔަފާރިވެރިންނަށްވެސް ބޮޑެތި ދަތިތަކެއް ކުރުމަތިވަމުން ވަމުން އަންނަކަން އެފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން އީވީއާ މައުލޫމާތު ހިއްސާކުރި ވިޔަފާރިވެރިއަކު ބުނީ މުދާ ގަންނަށް ފައިސާ ޖަމާކުރުމުގައިވެސް ދަތިތައް ދިމާވަމުން އަންނަ ކަމަށެވެ.
”އަޅުގަނޑުމެން އެބަޖަމާކުރަން އޭޓީއެމުން ދުވާލަކު އެތައް ފައިސާއެއް. މުދާގަންނަން ފައިސާ ފޮނުވަން ވަރަށް ދަތިވެފަ މިހުރީ. އަނެއްކޮޅުން 2 އޭޓީއެމް ގެ ހިދުމަތް ނުލިބި މިހާ ގިނަދުވަހަށް ބަންދުވީމާ އާންމުންނަށްވެސް ކިހާދަތިވާނެ؟!“
މިމައްސަލައާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗްގެ އިސްމުވައްޒަފަކާ ގުޅާލުމުން ބުނީ އޭޓީއެމްތައް މައްސަލަޖެހިފައިވަނީ ޓެކްނިކަލް އިޝޫއެއް ދިމާވެގެންކަމަށާ، ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
“ޓެކްނިކަލް އިޝޫއެއް ދިމާވެގެން ހިދްމަތް މެދުކެނޑިފައިވަނީ. އިތުރު މައުލޫމާތު ދޭނީ ހެޑްއޮފީހުން ”
އީވީގެ ފަރާތުން ހެޑްއޮފީހާ ގުޅުމުން މިކަމާ ބެހޭ މައުލޫމާތު ލިޔުމުން ދެއްވާނެކަމަށް ވިދާޅުވެ އަދި ވަނީ ޖަވާބެއް ނުލިބި އެވެ.
2006 ވަނަ އަހަރުން ފެށިގެން އޭދަފުށީގައި ހިދުމަތް ދެމުން އަންނަ ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗްގެ ހުރިހާ އޭޓީއެމް އެއް މައްސަލަޖެހި ހިދުމަތް މެދުކެނޑުމަކީ މަދުން ނޫނީ ދިމާނުވާ ކަމެކެވެ.
ނަމަވެސް މިފަހަރު ދިމާވި މައްސަލައަށް ހައްލު ނުލިބި ގިނަދުވަސް ވަމުން އެބަދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ