އައިއެސް ޖަމާއަތް ވަނީ އުވިގޮސްފައި, ތާއީދެއް ނުކުރަން: އަބްދުالله އަލީ

އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތް ވަނީ މީގެ ދެ އަހަރު ކުރިން އުވިގޮސްފައި ކަމަށާއި އެ ޖަމައާތަށް ތާއީދު ނުކުރާ ކަމަށް, ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާކަމަށް ފުލުހުން ތުހުމަތު ކުރާ ހއ. މޮޅަދޫ ބަހާރުގެ, އަބްދުالله އަލިމަނިކު ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއަށްފަހު, ފުލުހުން ހިންގި އޮޕަރޭޝަނެއްގައި, އަބްދުالله އަލީ ހައްޔަރުކޮށްފައިވަނީ, ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައެވެ. އަބްދުالله އަލީގެ އިތުރުން, ހއ. ހޯރަފުށި، އަލަނާސިގޭ މުހައްމަދު ތަސްލީމްގެ މައްޗަށް ވެސް ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އުފުލާފައެވެ. ދައުލަތުން އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވުމުން, ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ދައުވާއަށް އިންކާރުކޮށް އަބްދުالله އަލީ ބުނީ 2019 ވަނަ އަހަރުގެ ފަހުކޮޅު އައިއެސް ޖަމާއަތުގެ ލީޑަރު މާރާލާފައި ކަމަށާއި އަދި އެއަށްފަހު އެ ޖަމާއަތް ވެސް އުވިގޮސްފައިވާ ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. "އުވި ގޮސްފައިވާ ޖަމާއަތަކަށް ކިހިނެއްތޯ އަޅުގަނޑު ތާއިދުކުރީ. އަޅުގަނޑު ނީންނާނެ އެ ޖަމާއަތަށް ތާއިދުކުރާކަމުގެ އެއްވެސް ވާހަކައެއް ދައްކާފައެއް," އަބްދުالله އަލީ ބުންޏެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުންނަށް އޭނާއާ ދެކޮޅަށް ބަޔާން ދިނުމުން ބަންދަށް ލުޔެއް ދޭނެ ކަމަށް ތަހުގީގު މަރުހަލާގައި ފުލުހުން ބުނެފައިވާ ކަމަށް ވެސް އަބްދުالله އަލީ ވަނީ ތުހުމަތުކޮށްފައެވެ. "ސިއްރު ހެކިތަކަކީ ހަދާފައިވާ ދޮގު ހެކިތަކެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރާނީ," އަބްދުالله އަލީ ބުންޏެވެ. ރާއްްޖޭގެ މިސްކިތްތަކުގެ ޖަމާއަތަށް އޭނާ ނާރާކަމަށް ދައުލަތުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަބްދުالله އަލީ ބުނީ އޭނާ އަކީ ދައުލަތުގެ އިމާމެއްގެ ގޮތުގައި މިސްކިތެއްގައި ވަޒީފާ އަދާކުރި މީހެއް ކަމަށެވެ. އެއީ 2017 ވަނަ އަހަރެވެ. އޭނާ ދިރިއުޅުނު ގޭގެ އަވަށްޓެރިންނަށް އޭނާ ހުކުރަށް ދާ މަންޒަރާއި ޖަމާއަތަށް ނަމާދަށް އަރާ މަންޒަރު ފެންނާނެ ކަން ފާހަގަކޮށް އަބްދުالله އަލީ ބުނީ, ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ 'ބުހުތާނު ދޮގު' ތަކެއް ކަމަށެވެ. ހިމަންދޫ މައްސަލައިގައި އަލިމަނިކު 2008 ވަނަ އަހަރު 10 އަހަރަށް ޖަލަށްލި ނަމަވެސް، އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލުން ފިލައިފައެވެ. ދެހާސް ނުވަ ވަނަ އަހަރު އޭނާ ޖަލުން ފިލައިގެން ގދ. ތިނަދޫގައި އުޅެނިކޮށް، އެ ރަށުން އޭނާ ހައްޔަރުކޮށްގެން މާލެ ގެންދަނިކޮށް އޭނާ ވަނީ ވ. ފެލިދުއާ ހިސާބުން ބޯޓުން ކަނޑަަށް ފުންމާލައިގެން ފިލަން މަސައްކަތް ކޮށްފައެވެ. ދެހާސް ދިހަ ވަނަ އަހަރުވެސް އޭނާ ޖަލުން ފިލިއެވެ. އެ އަހަރު އޭނާ ޖަލުން ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރު ކުރީ އޭގެ އަހަރެއް ފަހުން ތިލަފުށިންވެ. އޭނާ ހައްޔަރު ކުރި އިރު ހުރީ ވަަރަށް ބޮޑަށް ސިފަ ބަދަލުކޮށްފައި ކަމަށް އޭރު ފުލުހުން ބުންޏެވެ. އޭގެ ފަހުން އޭނާ ދޫވެފައި ހުރީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ