ޔާމީންގެ ޖަލު ހުކުމްގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައިވާ މަނީ ލޯންޑަރިން ކުށުގެ ހުކުމްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް އަންނަ މަހަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ އަގުލަބިއްޔަތުންނެވެ. މިގޮތަށް ހައިކޯޓުން ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ބުންޏެވެ.އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ 9:00 އަށެވެ. އަދި ދެވަނަ އަޑުއެހުން 13 ވަނަ ދުވަހުގެ އެ ވަގުތަށެވެ.މި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވެފައި ވާއިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގުރި ދޫކުރި މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ ވެސް ޔާމިންގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރު ދަށު ކޯޓުގައި ކުރިއަށް ދެ އެވެ.އޭގެ އިތުރުން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ވެސް އެއް މިލިއަން ޑޮލަރު ނެންގެވި ކަމުގެ ތުހުމަތު ފުލުހުން ޔާމީނަށް ކުރެ އެވެ. އެ މައްސަލައިގެ ތަހުގީގު ވެސް ކުރިއަށް ދެ އެވެ.ވޮޑަމުލާގެ މައްސަލައިގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ދެމެހެއްޓީ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އެވެ. އެއާ ހިލާފު ރައުޔަކަށްވީ ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔެވެ.ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމްއެމްޕީއާރްސީ އަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ