މުހައްމަދު ގާސިމް ޕްރީ ސްކޫލް އަލުން ހުޅުވަނީ، ދަރިވަރުން ވެއްދުމުގެ ފުރުސަތު!

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރަތްކުރި މުހައްމަދު ގާސިމް ޕްރީ ސްކޫލު މަރާމާތުކޮށް އަލުން ހުޅުވަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެ ސްކޫލް މި މަހުގެ 24 ވަނަ ދުވަހު ހުޅުވަން ހަމަޖައްސާ އެ ސްކޫލުގެ އެލްކޭޖީ އަދި ޔޫކޭޖީއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
މުހައްމަދު ގާސިމް ސްކޫލް މަރާމާތުކޮށް 45 ދުވަސް ތެރޭގައި ނިންމުމަށް ބަޔަކާ މިނިސްޓްރީން ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލުގައި މިދިޔަ އޮގަސްޓު 10 ގައި ފެށި ދިރާސާ އާ އަހަރު ކިޔަވައިދިނުމަށް ވެސް އެޑިއުކޭޝަނުން ކުރިން މަސައްކަތްކުރިއެވެ. އެ ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ވެސް އެ މިނިސްޓްރީން އޭރު އިއުލާނުކުރިއެވެ. ނަމަވެސް ފްލޫ ކްލިނިކެއްގެ ގޮތުގައި ޕްރީ ސްކޫލު އިމާރާތް ބޭނުންކުރުމުން އެކަން ލަސްވެގެން ދިޔައީއެވެ.
ޕްރީ ސްކޫލް ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ އެ ތަން ހަވާލުކުރީ ޖެނުއަރީ 17، 2019ގައެވެ. އޭގެފަހުން އެ ތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަނުން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކުރިއެވެ. އެންމެ ފަހުން މިނިސްޓްރީ އިން ނިންމީ ސީދާ މިނިސްޓްރީން ޕްރީ ސްކޫލް ހިންގުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ