ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް ލިބިވަޑައިގެންފައިވާ ގެއްލުމުގެ މައްސަލަ ބަލައިދޭން ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު އެދިވަޑައިގެންފިއެވެ.
ދިޔާނާ މިހެން އެދިވަޑައިގެންފައިވަނީ، ރައީސް މައުމޫންގެ ގެކޮޅުކަމަށްވާ މއ.ކިނބިގަސްދޮށުގެ ދޮށަށް އިއްޔެ މެންދުރުފަހު ޖާބިރު ވަޑައިގެން އެގޭގެ ބޭރުގައި އޮތް ވެޔޮގަނޑަކަށް ގެއްލުންދިން މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނި ޚަބަރެއް ހިއްސާކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
ޖާބިރުގެ އަނބިކަނބަލުންވެސް ކަމަށްވާ ދިޔާނާ ވިދާޅުވީ ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުންދެއްވި މައްސަލަ ބަލާއިރު، ރައީސް މައުމޫން ޖާބިރަށް ދެއްވި ގެއްލުމުގެ މައްސަލަވެސް ބައްލަވައިދެއްވަން އެދިވަޑައިގަންނަވާކަމަށެވެ. އެގޮތުން އެ މައްސަލަ ފުލުހުންނަށް ހުށައެޅިތާ އެތައް ދުވަހެއް ވެދާނެކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް މައުމޫން މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭގޮތަށް އޮތުމަކީ ގޯހެއްކަމަށްވެސް ދިޔާނާ ވަނީ ފާހަގަކުރައްވާފައެވެ.
ބެލެވޭ ގޮތުގައި ދިޔާނާ އެ ފާހަގަކުރައްވާ ރައީސް މައުމޫން ޖާބިރަށް ދެއްވި ބޮޑު ގެއްލުމަކީ، ކުރީގެ ސަރުކާރުން ބަދަލުކުރުމަށް ޖާބިރުގެ އަތުން ރައީސް މައުމޫން ނެންގެވިކަމަށް ބުނާ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ދެއްވާފައިނުވުމެވެ. ނަމަވެސް ޖާބިރުގެ އަތުން އެފަދަ އެއްވެސް ފައިސާއެއް ނަގާފައި ނުވާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް މައުމޫނަށް ދެއްވި ފައިސާއަކީ ލޯނެއްގައި އިންޓަރެސްޓް އަރާ ގޮތަށް ދިން 29 މިލިއަން ރުފިޔާ ކަމަށް ޖާބިރު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެ ފައިސާއާ ހަވާލުވެ ވަޑައިގަތީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަމަށް ޖާބިރު ވިދާޅުވި އިރު ފައިސާ ދެއްވީ ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
މި 29 މިލިއަން ރުފިޔާގެ މައްސަލައިގައި ޖާބިރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށައަޅުއްވާފައެވެ. އެހެންނަމަވެސް، މިދިޔަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ދައުވާ ސާބިތު ނުވާ ކަމަށެވެ. ޖާބިރު އެކި ފޯރަމްތަކުގައި އަބަދުވެސް އަންނަނީ ސިޔާސީ އެކި ފަރާތްތަކުން ޖާބިރު އަތުން ބޮޑެތި ލޯންތައް ނަންގަވާފައިވާކަމުގެ ތުހުމަތު ކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވެސް ޖާބިރު އަތުން ބޮޑު ލޯނެއް ނެންގެވިކަމަށް ޖާބިރު ވިދާޅުވެއެވެ.
ރައީސް މައުމޫން ޖާބިރަށް ދެއްވި ގެއްލުމުގެ މައްސަލަ ބަލައިދޭން ދިޔާނާ އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ