ޝަގީރީގެ ސޮއިވެސް ހޯދާ ލިވަޕޫލް ވަރުގަދަކޮށްލައިފި

ސްޓޯކް ސިޓީއަށް މިދިޔަ ސީޒަންގައި ކުޅުނު ސްވިޒަލޭންޑްގެ ތަރި، ޒެރްދާން ޝަގީރީގެ ސޮއިވެސް ހޯދައި، ލިވަޕޫލުން އެ ޓީމުގެ ސްކޮޑު އިތުރަށް ވަރުގަދަކޮށްފިއެވެ. މި ހިނގާ ޓްރާންސްފާ ސީޒަންގައި އެންމެ ފާހަގަކޮށްލެވޭ އެއް ޓީމަކީވެސް ލިވަޕޫލެވެ. އެ ޓީމުން ވަނީ މިހާތަނަށް މޮނާކޯގެ މިޑްފީލްޑަރު ފަބީނީއޯގެ އިތުރުން ރެޑްބުލް ލެއިޕްޒިގްގެ މިޑްފީލްޑަރު ނަބީ ކެއިޓާގެ ސޮއިވެސް ހޯދައިފިއެވެ. ބްރެޒިލްގެ ކީޕަރު އެލިސަން ބެކާވެސް އެޓީމަށް ގެންދަން ކުރިން މަސައްކަތްކުރި ނަމަވެސް ލިވަޕޫލުން ބުނެފައި ވަނީ ކީޕަރެއް ގެންދިއުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އަދި ފްރާންސްގެ މިޑްފީލްޑަރު ނެބިލް ފެކީރް ގެންދިއުމުގެ މަސައްކަތްވެސް ލިވަޕޫލަށް ނާކާމިޔާބުވީ ފަހުވަގުތުގައެވެ. ޝަގީރީގެ ސޮއި ލިވަޕޫލްއިން ހޯދީ 13 މިލިއަން ޕައުންޑުގެ އަގަށެވެ. އެއީ އޭނާގެ ރިލީސް ފީއެވެ. ސްޓޯކް ސިޓީ ނިމިދިޔަ ސީޒަންގައި އިނގިރޭސި ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައިވާ އިރު، ޝަގީރީގެ ރިލީސް ފީއަށް އޭނާ ދޫކޮށްލުމަށް ސްޓޯކް ސިޓީއަށް ވަނީ މަޖުބޫރުވެފައެވެ. ވޯލްޑް ކަޕްގައިވެސް ސާބިއާ ކޮޅަށް ގޯލް ޖަހައި ސްވިޒަލޭންޑް ގަދަ 16އަށް ގެންދިއުމުގައި މުހިންމު ރޯލެއް އަދާކުރި ޝަގީރީ ވަނީ މީގެ ކުރިން ބަޔާން މިއުނިކާއި އިންޓަ މިލާނަށްވެސް ކުޅެފައެވެ. ހުނަރުގެ ގޮތުން މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަގީރީ ލިވަޕޫލްގައި ބޭނުންކުރާނެ ޖާޒީއަކީ 23 ނަންބަރު ޖާޒީއެވެ. 2014 ވަނަ އަހަރުވެސް ލިވަޕޫލުން ޝަގީރީ ހޯދަން މަސައްކަތް ކުރިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވާ އިރު، އެފަހަރު ލިވަޕޫލަށް ހުރަސް އެޅީ ބަޔާން މިއުނިކެވެ. ޝަގީރީއާ ގުޅިގެން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައި އޭނާއަކީ ލިވަޕޫލްގެ ސިސްޓަމަށް އެންމެ ފެތޭ، ގިނަ މަގާމުތަކަކަށްވެސް ކުޅެވޭ ކުޅުންތެރިއެއް ކަމަށެވެ. އަދި ހެޔޮ އަގެއްގައި ޝަގީރީ ފަދަ ކުޅުންތެރިއެއްގެ ސޮއި ހޯދުމަކީ ގަބޫލުވެސް ކުރަން ދަތި ކަމެއް ކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ