ސްކޫލް ހުޅުވެން ވާއިރަށް ޓީޗަރުން ހަމަނުވެދާނެ: އިދިކޮޅު

އާ އަހަރުގެ ކިޔެވުން ފެށެން ހަފުތާއެއް ވެފައިވާއިރު 400 ޓީޗަރުން ހޯދަން އިއުލާންކުރުމަކީ ސްކޫލް ހުޅުވެން ވާއިރަށް އެވަރަށް މުދައްރިސުން ލިބިދާނެ ކަމާމެދު ޝައްކު އުފެދޭ ކަމެއް ކަމަށް ބުނެ އިދިކޮޅު އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އާ އަހަރުގެ ކިޔެވުން މިމަހުގެ 14 ވަނަ ދުވަހު ފެށެން ހަމަ ޖެހިފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ އެކި ސްކޫލްތަކަށް ބޭނުންވާ 400 ޓީޗަރުންގެ ޖާގައަށް މުދައްރިސުން ޯދަން އިއުލާންކޮށްފަ އެވެ.
މިއަދު ކުނޫޒުގައި އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބަްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެހާ ގިނަ އަދަދަކަށް ޓީޗަރުން ހޯދަން މިހާރު އިއުލާން ކުރުމުން ބޭނުންވާ ވަރަށް ޓީޗަރުން އަދިވެސް ނުލިބޭކަން ހާމަވާ ކަމަށެވެ. ސްކޫލް ހުޅުވޭ އިރު ސްކޫލްތަކަށް ޓީޗަރުން ހަމަ ނުވެއްޖެނަމަ އެއީ ސަރުކާރުގެ އިހުމާލު ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
" 400 ޓީޗަރުންގެ ވާހަކަ މި ދައްކަނީ. އަދި ޓީޗަރުން ލިބުމުގެ ފަހު ޓްރެއިން ކުރުމާއި މި ހުރިހާ ކަމެއް ކުރަން ޖެހޭނެ. އެވެސް ވަރަށް ވަގުތު ބޭނުންވާ ކަމެއް،" އިންތި ވިދާޅުވި އެވެ.
ސްކޫލް ހުޅުވެންވާއިރަށް ހަތަރުސަތޭކައެއްހާ ދިވެހި ޓީޗަރުން ހޯދަން އިއުލާންކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭން ބޭރުން ވެސް 100 އެއްހާ މުދައްރިސުން ނަގާފައިވާ ކަމަށެވެ. ނަމަވެސް ދިވެހި މުދައްރިސަކު ލިބެން ހުރެއްޖެ ނަމަ އެންމެ ފަހު ވަގުތާ ހަމައަށްވެސް އިންތިޒާރު ކުރާނެ ކަމަށެވެ. އަދި ސްކޫލް ހުޅުވެން ވާއިރަށް ޓީޗަރުން ހަމަވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ޔަގީންކަން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ