ޑްރައިވަރު ގާސިމް މަރާލި ކަމަށް އިއުތިރާފުވި އަދުހަމްގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމް މުހައްމަދުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އަދުހަމްގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖަހާފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އޭރު އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ. އޭގެ ފަހުން ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު، ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތަށް އެންމެ ފަހުން ހަތް ދުވަސް ޖަހާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އަދުހަމް ވަނީ ގާސިމް މަރާލިކަމަށް އިއުތިރާފުވެފައެވެ. އަދުހަމް ބުނި ގޮތުގައި ގާސިމަށް ހަމަލާދިނީ މަރާލުމުގެ ނިޔަތުގައެއް ނޫނެވެ. އަދި ގާސިމް މަރުވެފައިވަނީ ގާސިމްގެ އަތުން އޭނާ ފޭރެން އުޅެމުގެ ތެރޭގައި ތޫނު އެއްޗަކުން ދެވުނު ހަމަލާގައި ކަމަށް އަދުހަމް ބުނެއެވެ.
ގާސިމްގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.
ގާސިމްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމް އަކީ އެކިއެކި ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އޭނާގެ މައްޗަށް މިދިޔަ މަހު ވަނީ ވައްކަމުގެ މައްސަލައެއް ސާބިތުވެ، އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ