ރާއްޖޭގެ ސިޔާސީ މަޝްރަހު މިއަންނަނީ ދުވަހެއް ދުވަހަކަށް ބަދަލުވަމުންނެވެ. ދިވެހިންގެ ވިސްނުން އެއްދުވަހަށްވުރެއް އަނެއްދުވަސް ފުޅާކު ސިޔާސީ ކަންކަމުގައި މިއަންނަނީ ހޭލުންތެރިވަމުންނެވެ. ސިޔާސީ ބޭފުޅުންވެ ވާހަކަވެސް އޮއިވަރާއެކު ބަދަލުވަމުން އަންނަ މަންޒަރު މިދަނީ ފެންނަމުންނެވެ. ކޮންމެ ކަމެއްގެވެސް ދެކޮޅު އޮންނާނެ ފަދައިން މިބަދަލުތަކުގެ ސަބަބުން އޭގެ އެދެވޭ އަސަރާ ނޭދެވޭ އަސަރު މިދަނީ ރާއްޖެއަށް ކުރަމުންނެވެ. އެއްކޮޅުން ތަރައްޤީގެ މަގުގައި ރާއްޖެ އާ ޞަފްޙާތަކެއް އުކަމުން އަންނައިރު، އަނެއްކޮޅުން ސިޔާސީ ބޭފުޅުންގެ ވިސްނުން ކިލަނބުވެ ބޮޑެތި ކުށްތަކަށް މިދަނީ އަރައިގަންނަމުންނެވެ. ނިޒާމު މުޅިން ފުނޑުފުނޑުކޮށްލާ ރިޝްވަތާއި، ބިރުދެއްކުން މިވަނީ އާންމުވާން ފަށާފައެވެ. ބަދަލުވަމުންދިޔަ މިމަންޒަރަށް އަވަސް ނަޒަރެއް އެއްލަމާ ހިނގާށެވެ.
1978 ވަނަ އަހަރު ރާއްޖޭގެ ރައީސްކަމުގެ މަޤާމާ މަޢުމޫނު އަބްދުލް ޤައްޔޫމު ޙަވާލުވެ ވަޑައިގެންނެވީ ރައްޔިތުންގެ ތާޢީދާއެކުއެވެ. އޭރު އަސާސީ ކަންކަމުގައި ދިވެހިންނަކީ ފުދިފައިވާ ބައެކޭ ނުދެންނެވޭނެއެވެ. މާބޮޑެތި ކުރިއެރުންތަކެއް ޤައުމު ހޯދާފައެއް ނުވެއެވެ. ރައްޔިތުންނަކީ އޭރު މާ ހޭލުންތެރި ބައެއްވެސް ނޫނެވެ. މަޢުމޫނުގެ ވެރިކަމަށް 26 އަހަރު ވެގެން ދިޔައިރު ތަޢުލީމީ ގޮތުން ރާއްޖެއަށް ބަދަލުތަކެއް އައެވެ. އެހެންނަމަވެސް ހިފެހެއްޓިފައިވާ މިނިޒާމުގެ ތެރެއިން ރައްޔިތުން އުނގެނެމުން ދިޔައީ ވެރިމީހާ ބޭނުންވި މުޤައްރަރެއް އެކަންޏެވެ. ރައްޔިތުންނަށް ދެކެވޭ ވާހަކަތަކާއި ނުދެކެވޭނެ ވާހަކަތައްވެސް ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ.
ސިއްޙީ ނިޒާމާއި، އުމްރާނީ ތަރައްޤީގެ އިތުރުން އެހެނިހެން ދާއިރާތަކުން ރާއްޖެ ކުރިއަރަމުން ދިޔަ ނިސްބަތް މަޢުމޫނުގެ 26 އަހަރުގެ ތެރޭގަައި ކުޑައެވެ. ތަރައްޤީއެއް ހަމައެކަނި ފެންނަމުން ދިޔައީ ވެރިރަށް މާލެއިންނޭވެސް ދެންނެވިދާނެއެވެ. މި 26 އަހަރު ފާއިތުވެގެން ގޮސް 2004 ވަނަ އަހަރު ރައްޔިތުންނަށް އާ ނިޒާމެއްގެ ބޭނުން ޖެހިއްޖެއެވެ. މިއާއެކު ސިޔާސީ ގިނަ ޕާޓީތަކެއް އެކުލެވޭ ނިޒާމަކާ ދިމާއަށް ރާއްޖެ މިސްރާބު ޖެހިއެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ފުރަތަމަ ސިޔާސީ ޕާޓީއެއް އުފެދި މަސައްކަތްތަކެއް ކުރަން ފެށުނެވެ. އެހެންނަމަވެސް އޭރު މަސައްކަތް ކުރެވުނީ މަގުމަތީގައި ރައްޔިތުންގެ ލޯތަކަށް މުޅިން ނުބައި މަންޒަރެއް ދައްކަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މެދުގައި "އަނިޔާވެރި" ވިސްނުން އަށަގަންނަން ފެށުނެވެ.
ކޮންމެއަކަސް ހަލަބޮލި 4 އަހަރެއް ފާއިތުވެގެން ގޮސް، 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބު، ގިނަ ސިޔާސީ ޕާޓީތަކަކާއެކު ބޭއްވުނެވެ. ރައްޔިތުން އޭރު ބޭނުންވީ މަޢުމޫނު ނޫން މީހެއްގެ ވެރިކަން ދެކޭށެވެ. ނަތީޖާއެއްގެ ގޮތުން އޭރު މަޢުމޫނާ ވާދަކުރެއްވި އެމްޑީޕީ ކެނޑިޑޭޓު ނަޝީދު އިންތިޙާބު ކާމިޔާބު ކުރެއްވިއެވެ. ހަޤީޤަތުގައި ނަޝީދު މި އިންތިޙާބު ކާމިޔާބު ކުރެއްވީ ގިނިކަންޏާ ކުރެއްވި މަސައްކަތަކުން ނޫނެވެ. އޭރު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން، ގިނަ ބައެއްގެ ވާގިވެރިކަމާއެކުއެވެ. ރައްޔިތުންނަށް ނަޝީދު ދެއްކެވި މަންޒަރާއެކު އުއްމީދީ ތަޞައްވަރެއް ސިކުނޑިތަކުގައި އުފެދުނެވެ. ކަން ދިމާކުރީ މުޅިން އިދިކޮޅަށެވެ. ނަޝީދު ފެއްޓެވި މަސައްކަތަކީ ދިވެހިންގެ ޘަޤާފަތާ މުޅިން ޙިލާފު މަސައްކަތްތަކެކެވެ. އިސްލާމީ ވަޙުދަތުގެ ބޭރުން ކަންކަން ކުރެއްވުމާ، ރާއްޖޭގެ މުޅި ނިޒާމު ފުނޑުފުނޑު ކުރަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ސީޔާސީ ލީޑަރުންނަށް ވިސްނިވަޑައިގެން ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރެއްވިއެވެ. ނަޝީދުގެ ޤާބިލުކަމެއް ނެތި، އިސްތިއުފާ ދެއްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ދެން އަނެއްކާވެސް މުޅިން އާ ޞަފްޙާތަކެއް މިރާއްޖެ ގުނަން ފެށިއެވެ. އޭރުގެ ރައީސް ޑރ. މުޙައްމަދު ވަޙީދާއެކު އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަށް މަސައްކަތް ކުރަންފެށިއެވެ. އެހެންނަމަވެސް އޭރު ރާއްޖެ އޮތީ ވަރަށް ނުބައި ފައްތަރެއްގައެވެ. އޭރު މިޤައުމަށް ބޭނުން ޖެހިފައިވަނީ ރައްޔިތުންގެ ފުރިހަމަ ތާޢީދާއެކު އައިސް ވެރިކަން ކޮށްދޭނެ ޤާބިލް ވެރިއެކެވެ. މިހެންވެސް ދެ އަހަރެއް ކަޑައްތު ކޮށްފިއެވެ. 2013 ވަނަ އަހަރު ދިވެހިންނާ ބައްދަލުކުރި ރިޔާސީ އިންތިޙާބުގައި މިމުހިންމު ނިންމުން ދިވެހިން ނިންމިއެވެ. ވެރިކަމަށް ވަޑައިގެންނެވީ އަބްދުﷲ ޔާމީނެވެ. ރައީސް ޔާމީނުގެ ވެރިކަން ފެށިގެން އައިއިރު، ކުރީގެ ރައީސް މަޢުމޫނާ، ޤާސިމް އިބްރާހީމްގެ އިތުރުން އިމްރާން އަބްދުﷲވެސް އަރިހުގައި ތިއްބެވިއެވެ. އެހެންނަމަވެސް މަންޒަރު ބަދަލުވެ މިމީހުން ކޮޅު ބަދަލުކުރެއްވީއެވެ.
ކުރިންވެސް ދެންނެވި ފަދައިން ސިޔާސީ ނިޒާމު ކުރިއަރާ، ހޭލުންތެރިވުމުގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ ބޭފުޅުންގެ ވިސްނުންވެސް މިވަނީ ކިލަނބުވެފައެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ނިޒާމުގެ ތެރެއަށް އަތް ފޯރުވާ ރިޝްވަތުގެ ހަޑި ހުތުރު ޢަމަލު އާންމުވާން ފަށައިފިއެވެ. ހިތާމައަކީ ވަކި ބޭފުޅަކު ކުރެއްވުމުން ރައްޔިތުންގެ ތެރެއިން މަދު ބަޔަކަށް މިކަން ރީތިވެސް ވީކަމެވެ.
ކޮންމެއަކަސް ރާއްޖޭގެ ކުރު ސިޔާސީ ޙަޔާތުން އެތަކެއް ފިލާވަޅުތަކެއް ލިބިގެން ހިނގައްޖެއެވެ. ކޮންމެ ކަމެއްވެސް ނިމުމަކަށް ގެންނަނީ ރައްޔިތުންގެ ނިންމުމުންނެވެ. 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ނިމިގެންދިޔައީ މިދެންނެވި ފިލާވަޅު އުނގަންނައިދެމުންނެވެ. އަނެއްކޮޅުން ސިޔާސީ ބޭފުޅުން ކުރައްވާ ކޮންމެ މަސައްކަތަކީ ޤައުމަށް އެންމެ ފައިދާކުރި މަސައްކަތްކަމަށް ނުވާނެކަންވެސް ދަސްވެއްޖެއެވެ. މަޢުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ ލޯތަކަށް ދެއްކީ ކުފޫ ހަމަވާ ބޭފުޅެއް ނޫންކަން ސާބިތު ވުމާއެކު މިދެންނެވި ފިލާވަޅު ދަސްވީއެވެ. އަނެއްކޮޅުން އެތައް ފަހަރެއްގެ މަތިން ޤާސިމަށް ރައްޔިތުން ނޫނެކޭ ބުނިކަމީ ފައިސާއިން ރައްޔިތުން ނުގަނެވޭނެކަމުގެ ހެއްކެކެވެ.
ރާއްޖޭގެ ސިޔާސީ ޙަޔާތުގައި މިހާތަނަށް އައިއިރު އެއް ލީޑަރަކަށް ރައްޔިތުންގެ މެޖޯރިޓީ ތާޢީދު ދުވަހަކުވެސް ހޯދިފައެއް ނުވެއެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު މިހާރު މިއުޅެނީ މިތާރީޚު ބަދަލުވާށެވެ. ރައީސް އަބްދުﷲ ޔާމީންގެ 5 އަހަރުގެ ދައުރު ނިމުމަކަށް އަންނައިރު ގެނަސްދެއްވި ތަރައްޤީއާއި ރައްޔިތުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު، އެންމެ ގިނަ ރައްޔިތުންގެ ތާޢީދު އެމަނިކުފާނަށް ލިބިފައިވާކަމުގެ ހެކި މިދަނީ ފެންނަމުންނެވެ. ރައީސް ޔާމީން ވަޑައިގަންނަވާ ކޮންމެ ހަރަކާތަކުން މިކަން މިދަނީ ސާފުވަމުންނެވެ. ދާދި ފަހުން ބޭއްވި ޢީދު ސަލާން މިކަމަށް ހެކިވާނެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބާއްވާ އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ތާރީޙު ބަދަލުކޮށް "އެއް ލަކިން" ލީޑަރަކު ރައީސްގެ މަޤާމަށް އިސްކުރެވޭނެ އިންތިޙާބަށް ވުން ވަރަށް ގާތެވެ.
ރިޔާސީ އިންތިޙާބު 2018 – ސިޔާސީ ތާރީޙު ބަދަލުވުމުގެ ފުރުސަތު ބޮޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ