ސިފައިންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި މެމްބަރު އަރީފްވެސް ފުލުހަށް ހާޒިރުވާން އަންގައިފި

ސިފައިންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
އަރީފް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 16:00 އަށެވެ. އަރީފްގެ އިތުރުން މި މައްސަލާގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. އާޒިމް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރު 12:00 އަށެވެ.
އަރީފް ފުލުހަށް ހާޒިރުކުރަނީ، މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ސިފައިންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ސިފައިންނާ މެދު މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މި މައްސަލާގައި އިއްޔެ އަރީފްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ. އަރީފްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައި ވަނީ، އަރީފްގެ ޕާސްޕޯޓު ހިފަހައްޓަނީ އަރީފަކީ އެމައްސަލާގައި ތުހުމަތު ކުރެވޭ މީހަކަށްވެފައި އޭނާގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުގެ ކުރީން ފުރައިގެން ފިލައިފިނަމަ ތަޙުޤީޤަށް ހުރަސްއެޅިދާނެތީ ކަމަށެވެ.
މީގެ ކުރީންވެސް މިފަދަ މައްސަލައެއްގައި އަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވެއެވެ. އެފަހަރު އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަޙުޤީޤަށެވެ. އެ މައްސަލާގައި އަރީފްގެ މައްޗަށް ވަނީ ދަޢުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ